ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް، ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕަށް!


މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ބަދަލުގައި ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ތަޢާރަފުކޮށްފިއެވެ.

2016ވަނަ އަހަރު އަތޮޅުތެރެއަށް ހުޅުވާލައިގެން ފެށި މުބާރާތައް ބައެއް ކުދި ބަދަލުތައް ގެނެސް، ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ނަމަށް ބަދަލުކުރިންކަން އިޢުލާންކުރީ، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގައި ބޭއްވި ބައްދަލުވުމެއްގައެވެ. ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕް ރާވާފައިވަނީ އެންމެ ފުރަތަމަ މިނިވަން ޗެމްޕިއަންޝިޕް ކުޅުނުގޮތަށް ހޯމް އެންޑް އަވޭ ފޯމެޓަށެވެ.

މިމުބާރާތާ ގުޅޭގޮތުން މަޢުލޫމާތުދެމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޖަޒީރާ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ރަށް، ތަމްސީލުކުރާނެ ޓީމެއް ކަނޑައަޅާނީ ކޮންމެ ރަށެއްގައިވެސް ޒުވާނުންގެ މެދުގައި މުބާރާތެއް ކުޅުމަށްފަހުކަމަށެވެ. އެގޮތުން ރަށުގައި ބާއްވާ މުބާރާތް އިންތިޒާމުކުރާނީ ރަށްތަކުގެ ކައުންސިލުން ކަމަށާއި، ރަށުގައި ބާއްވާ މުބާރާތުގައި ވާދަކުރާ ޓީމުތަށް ކޮމިޝަނާއޮފް ސްޕޯޓްސްގައި ރެޖިސްޓަރ ވެފައި އޮތުން މަޖުބޫރު ނޫން ކަމަށެވެ. ނަމަވެސް މުބާރާތުގެ އަތޮޅުބުރާ، ހިސާބުން ރަށް ތަމްސީލުކުރާ ޓީމް ވާންޖެހޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީ ވެފައިވާ ޓީމަކަށް ވާންޖެހޭނެ ކަމަށާ، މުބާރާތުގައި ވާދަކުރެވޭނީ ރަށުގެ ނަމުގައިކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިމުބާރާތުގެ ސަބަބުން ވީހާވެސް ގިނަ ޒުވާނުންނަށް ކުޅެން ފުރުސަތު ލިބޭނެކަމަށް. އެއީ ރަށުފެންވަރުގައި މުބާރާތެއް ކުޅެފައި އަދި ރަސްމީ މުބާރާތަށް މި ކުރިމަތިލަނީ، ދެން އަޅުގަނޑުމެން ވިސްނުން މިހުރީ ވީހާވެސް ބޮޑަށް އަތޮޅުތެރެއަށް ގެންދަން އަދިވެސް، އެއީ ޒޯން ބުރުވެސް ހޯމް އެންޑް އަވޭކޮށް ކުޅެފައި، ކުޑަވަމުން އައިސް ފައިނަލް ރައުންޑުވެސް އަތޮލޫތެރޭގައި ކުޅެން މަޝްވަރާ ކުރަމުން މިދަނީ.." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްއޭމްގެ ރައީސް ބާއްސާމް ޢަދީލް ޖަލީލް ވިދާޅުވީ، ދިވެހި ޕްރެމިއާ ލީގު އަތޮޅުތެރެއަށް ގެންދަން ބަލާއިރު އަތޮޅުތެރޭގައި އަދި އެކަޝީގެންވާ ވަރަށް ވަސީލަތްތަށް މަދު ކަމަށާއި، އެހެންކަމުން މިމުބާރާތަކީ އަތޮޅުތެރޭގައި ފުޓުބޯޅަ ވަސީލަތްތަށް ތަރައްގީކުރަން އެޅޭނެ ރަނގަޅު ފިޔަވަޅެއްކަމަށެވެ.

"އެންމެ ފުރަތަމަ މިނިވަން ޗެމްޕިއަންޝިޕް ބޭއްވި އިރުވެސް އަޅުގަނޑުމެން ލާޒިމްކުރިން ރައްރަށުގައި ބައެއް ވަސީލަތްތައް ގާއިމްކުރަން، މިމުބާރާތުގަވެސް އެބަ ހިމަނަން އެގޮތަށް، ދިވެހި ލީގު އަތޮޅުތެރެއަށް ފުޅާކުރާއިރު މި ވަސީލަތްތަށް ނެތުމުގެ ދަތިތަށް އެބަ ދިމާވޭ. " ބައްސާމް ވިދާޅުވިއެވެ.

މިމުބާރާތުގައި ބައިވެރިވާ ރަށްރަށުން މިމަހުގެ 15ވަނަ ދުވަހުގެ ކުރިން އެކަން އެފްއޭއެމްއަށް އަންގަން ޖެހެއެވެ. އަދި މިމުބާރާތުން އެންމެ މޮޅު ޓީމުތަކަށް ޕްރެސިޑެންސް ކަޕުން ޖާގަދޭން އެފްއޭއެމް އާއި މިނިސްޓްރީއިން އަންނަނީ މަޝްވަރާކުރަމުންނެވެ. މިމުބާރާތް ތައާރަފް ކުރުމާއިއެކު މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ދެން ނުކުޅޭނެއެވެ.