ޚަބަރު

ތިލަފުށީގައި ހަދާ ކޯޒްވޭގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަނީ


ތިލަފުށި އިންޑަސްޓްރިއަލް ޒޯނާއި  ތިލަފުށި-އެކެއް ގުޅުވައިދޭ ކޯޒްވޭ އިތުރަށް ފުޅާކޮށް، ޕޭވްކުރެވިފައިވާ މަގެއް ހެދުމާއި ތަރައްޤީ ކުރުމަށްޓަކައި ހަދަންޖެހޭ އީއައިއޭ ހެދުމުގެ މަސައްކަތް ކުރާނެފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުން މައުލޫމާތު ދިން ގޮތުގައި  އެރަށް އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ  މަޝްރޫޢުތަކުގެ ތެރެއިން  މިހާރު އެންމެ އިސްކަމެއް ދޭ ކަމަކީ ތިލަފުށީގައި އަލަށް ހިއްކާފައިވާ ސަރަހައްދާއި ތިލަފުށި އެކަކާ ދެމެދު ގުޅުވައިދޭ ކޯޒްވޭ ތަރައްގީކޮށް، އެ ކޯޒްވޭ ބޭނުންކުރާ މީހުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ.އެ މަޝްރޫޢޫގެ ދަށުން އެ މަގުހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ފެންވަރު ރަނގަޅުކޮށް ކަމަށްވެސް ތިލަފުށި ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެެ.މަގު ހެދުމުގެ އިތުރުން ކަރަންޓާއި ފެނުގެ ޚިދުމަތް ތިލަފުށި އިންޑަސްޓްރިއަލް ޒޯން   ގައި ޤާއިމްކުރެވިގެންދާނެ ކަމަށް ތިލަފުށި ކޯޕަރޭޝަންގެ މެނޭޖަރ ޕްރޮޖެކްޓްސް މުޙައްމަދު ވަސީމް ވިދާޅުވިއެވެ.މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ތިލަފުށީގައި އަލަށް ޤާއިމް ކުރެވުނު ދުއިސައްތަ މީހުންގެ ޖާގައިގެ ފެރީ ޓާރމިނަލް ވަނީ ބޭނުންކުރަން ފަށާފައެވެ. ތިލަފުށި އުފެދުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް އައި އިރު އެރަށުގައި ފެރީ ޓާމިނަލް ނެތުމުން ދަތުރުކުރާ ފަރާތްތަކުން ޝަކުވާ ކުރާ ކަމަށް ތިލަފުށި ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާސިފް ވިދާޅުވިއެވެ. މީގެ އިތުރުން މަގުތައް އަވަހަށް ހަލާކުވާތީ އެކަން ޙައްލު ކުރުމުގެ ގޮތުން ތިލަފުށި ކޯޕަރޭޝަނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާސިފް ވިދާޅުވިއެވެ.ތިލަފުށި އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި އަލަށް ހިއްކާފައިވަނީ ގާތްގަަނޑަކަށް ބާވީސް ހެކްޓަރުގެ ބިމެވެ.މިހާރު ތިލަފުށީގައި ސިނާޢީ އެކި އެކި މަސައްކަތް ކުރުމަށް ތިންސަތޭކަ އަށް ވުރެ ގިނަ ބިން ދޫކޮށްފައިވެއެވެ.