ޚަބަރު

ޤާނޫނު ފާސްކޮށްފައިވަނީ ހައްޤުތައް ހިފެހެއްޓޭނެ އެންމެ ކުޑަމިންވަރަކަށް ބެލުމަށްފަހު - ޝަރީފް


ޓެރަރިޒަމްގެ ޤާނޫނު ފާސްކޮށްފައިވަނީ ހައްޤުތައް ހިފެހެއްޓޭނެ އެންމެ ކުޑަމިންވަރަކަށް ބެލުމަށްފަހުކަމަށް މިޤާނޫނުގެ ބިލް ދިރާސާކުރެއްވި ކޮމިޓީގެ މުޤައްރިރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ބިލަށް މަޖިލީހުން ގެނައި އިސްލާހުތަކާގުޅޭގޮން ޕީއެސްމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ޤާނޫނަށް އަލުން އިސްލާހު ގެނައިއިރު ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރުކުރެވޭ މީހުންގެވެސް ހައްގުތައް ހަނިނުވާނޭގޮތަކަށް ހައްޔަރުކޮށް ބަންދުގައި ގެންގުޅޭނެގޮތަކަށް ޤާނޫނު ފާސްކުރަން އިސްކަން ދެއްވާފައިވާކަމަށެވެ.

ބިލަށް އިސްލާހު ގެނައިރު ދުނިޔޭގެ އެހެން ޤައުމުތަކުގައި ޓެރަރިޒަމްގެ ކަންކަމުގައި އަމަލުކުރާ ގޮތާއި، ގާނޫނުތައް ހުރި ގޮތަށް ރިޢާޔަތް ކުރައްވާފައިވާނޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ޤާނޫނު ތަންފީޒުކުރާ ފަރަތްތަކަށް، ވަކިން ޚާއްސަކޮށް ސަލާމަތީ ބާރުތަކަށް ދީފައިވާ ބާރުތަކަކީވެސް ނިސްބަތު ކުޑަ މިނސްވަރެއްކަމަށް އޭނާވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤާނޫނުތައް ހަދަނީ އަބަދުވެސް އެއިރެއްގައި އެޤައުމެއްގެ ޙާލަތަށް ރިޢާޔަތްކޮށްކަމަށެވެ. ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ތަންފީޒީ މަރުހަލާތަކުން ތަންފީޒު ކުރުމުގެކުރިން ރައީސުލް ޖުމްހޫރިއްޔާވެސް ވަކި މުއްދަތެއްގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ޤާނޫނުގައި ލާޒިމް ކޮށްފައިވާކަމަށް އޭނާވިދާޅުވިއެވެ. އެގޮތުން ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، ދިވެހިން ދިއުން މަނާ ތަންތަނަކީ ކޮބައިކަމާއި ހުއްދަ ނަގަންޖެހޭ ފަރާތްތަކާއި ޙާލަތްތަކަކީ ކޮބައިކަން އެމަނިކުފާނު ކަނޑައަޅުއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް.