ޚަބަރު

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް އަގުހެޔޮ ކުރުމުގެ ވިސްނުމެއް އަދި ނެތް - ކައުންސިލްގެ ރައީސް


ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ގޮޅިތަކުގެ އަގުތައް ހެޔޮ ކުރުމުގެ ވިސްނުން ނެތްކަމަށާއި އަގު ހެޔޮކޮއްގެން އެތަނުގެ ހަރަދުތައް ނުބެލެހެއްޓޭނެކަމަށް އެކައުންސިލުން ބުނެފި އެވެ.

މާރުކޭޓްގެ ގޮޅިތައް ދޫކޮށްފައިވަނީ އެތަނުން ލިބޭ ޚިދުމަތާ އަޅައި ބަލާއިރު އެކަށީގެންވާ އަގަކަށް ނޫން ކަމަށާއި ތަނުގެ ވިޔަފާރި ހަމަޔަކަށް އެޅެންދެން ގޮޅިތަކުގެ އަގު ހެޔޮ ކޮށްދިނުމަށް ބައެއް ވިޔަފާރިވެރިން ދަނީ އެދެމުންނެވެ.

ޕީ އެސް އެމް ނިއުސްއާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ މާރުކޭޓްގައި ފްރިޖްފަދަ ތަކެތި ބޭނުން ނުކުރެވޭ ކަމަށާއި މިކަމާ ގުޅިގެން ވިޔަފާރި ދަމަހައްޓަން އުނދަގޫކަމަށެވެ. މިކަމާގުޅިގެން މާރުކޭޓުން ގޮޅިތައް ނަގާފައިވާ ބައެއް މީހުން ވަނީ ގޮޅިތައް ދޫކޮށްލާފައެވެ. ގޮޅިތައް ދޫކޮށްލާފައިވާ ކަމަށާއި މާރުކޭޓެއްގެ ގޮތުގައި ތަން ހިންގަން ކައުންސިލުން ބޭނުން ނުވާ ކަމަށް ބައެއް ވިޔަފާރިވެރިން ތުހުމަތު ކުރެއެވެ. އަދި މާރުކޭޓް ފަރުމާ ކޮށްފައިވަނީވެސް މިފަދަ ވިޔަފާރި އަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށް ގޮޅިތަކުގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކުން ބުނެއެވެ.

ގޮޅިތައް ހިންގާ ބައެއް ފަރާތްތަކުގެ މިޝަކުވާތަކާއި ގުޅިގެން ޕީ އެސް އެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ ގޮޅިތަކުގެ އަގުހެޔޮކުރުމުގެ ވިސްނުން ކައުންސިލްގައި އަދި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އަގުހެޔޮކޮށްގެން މާރުކޭޓް ހިންގުމުގެ ޚަރަދު ދެކޮޅު ނުޖެއްސޭ ކަމަށެވެ.

"އެފެންވަރަށް މާރުކޭޓެއް ބިނާކޮއް މާރުކޭޓޭއް ބެލެހެއްޓުމަކީވެސް ހަރަދުތަކެއް ހިނގާނެކަމެއް. އަގުތަކަށް ބަލާއިރު އަގު ބޮޑީއެއް ނޫން. ދިމާވާ އެހެން މައްސަލައެއް މިއުޅެނީ. އެހެންވީމަ އަދިއެއް ނުވިސްނަށް އަގު ހެޔޮކުރާކަށް. ކޮންމެ ގޮތެއްވިއަސް މާރުކޭޓްގެ ބެލެހެއްޓުމަށާއި މާރުކޭޓަށް ބޭނުންވާ އެއްޗެހި ހޯދުމަށް ހަރަދުތަކެއް ހިނގާނެ. އެވަރަށް އަގުތަށް ބަހައްޓައިގެން ފުލްކޮށް ގޮޅި ނަގާފަ ނެތް ހާލަތުގަވެސް އަޅުގަނޑުމެންނަށް އެކަންތައްތައް ކުރެވޭނީ."
ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ވިދާޅުވިއެވެ.

މާރުކޭޓްގައި ބައްތިރީސް ގޮޅި ހިމެނިފައިވާއިރު ބަންދު ކުރެވޭގޮތަށް ދެ ގޮޅި ހުރެ އެވެ. އެ ދެ ގޮޅި ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ މަހަކު 1200 ރުފިޔާއަށެވެ. އެތަނުގައި ހުރި ފަސްދޮޅަސް ހަތް އަކަފޫޓްގެ ސައްބީސް ގޮޅި ދޫކުރަނީ މަހަކު 1000 ރުފިޔާއަށެވެ. އަދި ފަންސާސް ހަތް އަކަފޫޓްގެ ހަތަރުގޮޅި ދޫކުރަނީ މަހަކު 800 ރުފިޔާ އަށެވެ.

ލަތީފް ވިދާޅުވީ އަގުތަކަށް ބަލާއިރު ބޮޑުކަމަށް ނުބެލެވޭ ކަމަށާއި ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.