އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމާ ގުޅޭގޮތުން އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތުއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސިފައިންގެ ޓްރޭނިންގ އާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަސްކަރިއްޔާއިން ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންނާ، ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި ޖޮއިންޓް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުނާއި އިންޑިއާ އަސްކަރީ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފްގެ މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވަނީ ވަކިން ބައްދަލުކުރައްވައިފިއެވެ.
މީގެ އިތުރުން ޖެނަރަލް ބިޕިން ރާވަތުވަނީ ޝަހީދުންގެ ހަނދާނީ ބިނާއަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވައި، ސެނަހިޔާ ހޮސްޕިޓަލަށްވެސް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.