ވިޔަފާރި

ފަންނު އެކްސްޕޯގައި އެންމެ މޮޅު އަތޮޅުތަށް ހޮވަނީ


ދިވެހި އުފެންދުންތެރިކަމުގެ ޤައުމީ މައުރަޒު "ފަންނު އެކްސްޕޯ"ގައި އެންމެ މޮޅު އަތޮޅުތައް ހޮވާ ގޮތަށް ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކުރިން ވަނަ ވަނަ ލިބެނީ ރަށު ފެންވަރުގައެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއިއެކު ގިންތިތަކުގެ މައިގަނޑު ބައިތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ އަތޮޅު ނުވަތަ ސިޓީ ހޮވާނެއެވެ. މީގެ އިތުރުން މުޅި މައުރަޒުންވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ އަތޮޅު ނުވަތަ ސިޓީ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތަކުން ވަނަ ހޮވުމުގައި ބަލާނީ، މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ ހުރިހާ އުފެއްދުންތަކުގެ ޖުމްލަ މާކްސްއަށް ބަލައި އެންމެ ގިނަ މާކްސް ލިބޭ އަތޮޅުތަކުގެ ތަރުތީބުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ މާކެޓިންގ އެންޑް ޕްރޮމޯޓިންގ ފާތިމަތު ހިމާ ވިދާޅުވީ، ފަންނު އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު މާލެއިން އެކަނިވެސް 390 މީހުން ބައިވެރިވެފައިވާކަމަށެވެ. މި އެކްސްޕޯގައި 2 ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެއީ ވާދަކުރުމުގެ ބައިންނާއި ޑިސްޕްލޭ ކުރުމުގެ ބައިންނެވެ.

ހިމާ ވިދާޅުވީ، ވާދަކުރުމުގެ ބައިން ތަކެތި ހުށައަޅާ ފަރާތްތަކުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ތަކެތި ހުށަހަޅަންޖެހޭނެކަމަށެވެ. އެހެންކަމުން ވާދަކުރުމުގެ ބައިން ތަކެތި ހުށަހަޅާ ފަރާތްތަކަށް ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަނޭޅުނު ނަމަވެސް ތަކެތި ހުށައަޅާއިރު ފޯމު ހުށައަޅައިގެން އެކްސްޕޯގައި ބައިވެރިވެވޭނެކަމަށެވެ.

މި މައުރަޒުގައި 7 ދާއިރާއަކުން 78 ގިންތިން ތަކެތި ބައިވެރިކުރުވޭނެއެވެ. ފަންނު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 22 އިން 28ގެ ނިޔަލަށެވެ.