ވިޔަފާރި

ފުރަތަމަ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައިފި


ރާއްޖޭގައި ޤާއިމްކުރާ ފުރަތަމަ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

އަނގޮޅެތީމުގައި ޤާއިމްކުރާ ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި އޭނާގެ ދަރިފުޅެވެ. ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އިތުރުން މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އަނގޮޅެތީމުގެ ޓޫރިސްޓް ވިޒިޓަރ ސެންޓަރު ޙާއްސަވާނީ ރާއްޖޭ ޑިމޮކްރަސީއަށް ކުރި ދަތުރަށްކަމަށެވެ. މި ވިޒިޓަރ ސެންޓަރުގެ ސަބަބުން ފަތުރުވެރިންނާއި ރާއްޖޭގެ ކިޔަވާ ކުދިންނާއި އަދި ދިވެހިންނަށް ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ މުޅި މަންޒަރު ފެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އަނގޮޅެތީމުގައި ޤާއިމްކުރާ ވިޒިޓަރ ސެންޓަރަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިސްޓް ވިޒިޓަރ ސެންޓަރުތައް ޤާއިމްކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަނގޮޅެތީމުގައި ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އެޅުމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.