ވިޔަފާރި

ރާއްޖޭގައި ލައިފް ރާފްޓް ސާރވިސް ސެންޓަރެއް ހުޅުވައިފި


އާރކްސް މެރިން ސަރވިސްއިން ލައިފް ރާފްޓް ސާރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

ވިލިމާލޭގައި ހުންނަ މިސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާދިލްއެވެ. ލައިފް ރާފްޓަކީ ކަނޑުމަތީގެ ހާދިސާތަކުގައި އުޅަނދު ފަހަރު ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ސަލާމަތާއިއެކު މީހުން ތިބުމަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. ލައިފް ރާފްޓް ތައްޔާރުކޮށްފައި ހުންނަނީ މާކަނޑުތަކާއި، އެތެރެވަރި އަދި ފަޅުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރަން ބަޔަކު އަންނަންދެން ތިބެވޭ ގޮތަށެވެ.

އާރކްސް މެރިން ސަރވިސްގެ ލައިފް ރާފްޓް ސާރވިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މީޑިއާއަށް މައުލޫމާތުދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، އެ ކުންފުނިން ހުޅުވި ސަރވިސް ސެންޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ކުރިން ލައިފް ރާފްޓް ސާރވިސް ކުރުމަށް ފޮނުވަންޖެހެނީ ރާއްޖެއިން ބޭރަށެވެ. މިކަމަށް 2 މަސްދުވަސް ނަގައެވެ. ނަމަވެސް އެ ކުންފުނިން ހުޅުވި ސާރވިސް ސެންޓަރުގެ ސަބަބުން 2 ދުވަހުގެ ތެރޭގައި ސަރވިސް ކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިކަހަލަ ތަނެއް ރާއްޖޭގައި ނެތީމައި ލައިފް ރާފްޓް ފޮނުވަން މިޖެހެނީ ރާއްޖެއިން ބޭރަށް، ރާއްޖެއިން ބޭރަށް ފޮނުވައިގެން ޝަރވިސް ކޮށްގެން ސެޓްފިކެޓާއި އެއްކޮށް ރާއްޖެއަށް ގެނެވޭއިރު ހުންނަނީ ދެތިން މަސްދުވަސް ވެފައި. އެހެންވީމަ ބޯޓުވެސް އެތަނުގައި ތާށިވީ." އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންއަންނަ އާރކްސް މެރިން ސަރވިސް އަކީ ރާއްޖޭގައި ރާއްޖޭގައި ލައިފް ރާފްޓާއި ކަނޑުމަތީގެ ސަލާމަތީ އާލާތްތައް ވިއްކައި އަދި ސަރވިސް ކުރުމުގައި 24 އަހަރު ވެފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވިލިމާލޭގައި ހުޅުވި ސަރވިސް ސެންޓަރަކީ އައިއެސްއޯ ފެންވަރުގެ ސެންޓަރެއްކަމަށް އެ ކުންފުނިން ބުނެއެވެ.