ޚަބަރު

އަނެއްކާވެސް ބޮޑު އަލިފާނުގެ ޙާދިސާއެއް: މިފަހަރު އަދި މާ ނުރައްކާ


މާލޭގައި ޕެޓްރޯލާއި ޑީސަލް ބޭނުންކުރުން އެންމެ ގިނަ އެއް ސަރަޙައްދުކަމަށްވާ މާލޭގެ ޓީޖެޓީގައި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ޓީޖެޓީ ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތަކެއްގައި ހިނގި މިއަލިފާނުގެ ހާދިސާ ހިނގީ އެސަރަހައްދުގައި ތެޔޮއަޅަން ގޮސް އޮތްލޯންޗެއްގެ އިންޖީނުގައި އަލިފާން ހިފުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭރުވެސް ލޯންޗުގައި ފަޅުވަރިން ދިޔައީ ހަރަކަތްތެރިވަމުންނެވެ. ލޯންޗުގެ އިންޖީނުގައި އަލިފާން ހިފުމަށްފަހު ހުޅުފަޅައިގެންގޮސް އަލިފާންގަނޑުވަނީ ފެތުރިފައެވެ.

ލޯންޗުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ބޮޑުވެގެންދިޔައީ އޭރު އެލޯންޗަށް ޕެޓްރޯލްއަޅަމުންދިޔަ ބައުޒަރުގައި ރޯވި ހިސާބުންނެވެ. އެއާއިއެކު މުޅި ސަރަހައްދަށްވަނީ ކަޅުދުމުން ފެތުރިގެންގޮސްފައެވެ. ދުމުގެ އަސަރު ފެނުމާއިއެކު އެސަރަހައްދުގެ އެކި ކެފޭތަކާއި، އުޅަދުތަކުގައިތިބި މީހުންވަނީ އަލިފާންގަނޑު ނިއްވުމަށްޓަކައި އެހީތެރިވާންފަށާފައެވެ.

އަލިފާން ރޯވި ޓީޖެޓީ ހިމެނޭ އިންޑަސްޓްރިއަލްޒޯން ސަރަހައްދަކީ އިިތުރަށް މިއަލިފާންގަނޑު ފެތުރިގެންދިޔަނަމަ ވަރަށް ނުރައްކާބޮޑު ހާދިސާއަކަށް ވުމުގެ ފުރުސަތު އޮތެވެ. ލޯންޗާއިއެކު، ފަޅުތެރޭގައި އެތަކެއް މަސްދޯނިތަކާއި، ލޯންޗުފަހަރު ހުރިއިރު އާންމުންނާއި، އުޅަދުތަކުގެ ފަޅުވެރިންވެގެންވަނީ އެސަރަހައްދުން މިތަކެތި ދުރައްޖައްސާފައެވެ. ހަމަ އެހެންމެ ގިނަ ޢަދަދެއްގެ ތެޔޮބައުޒަރުތަކާއި، ތެޔޮރައްކާކުރާ އުޅަދުތަކުގެ އިތުރުން ތެޔޮ އުފުލާ ލޮރީފަދަ ތަކެތި ގިނަ ޢަދަދަކަށް އެގަޑީގައި އެސަރަހައްދުގައި ހުރިކަން ފާހަގަކޮށްލެވެއެވެ.

މި އުޅަދުތައް ދުރައްޖެއްސުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެފައިވަނީ އެކިކަންކަމުގައި އެސަރަހައްދުގައި ހަރަކާތްތެރިވި މީހުންނެވެ. ކެފޭތަކާއި، އެކި ކަންކަމުގައި ޓީޖެޓީ ސަރަހައްދުގައިތިބި މީހުން އެއްވެސް ބިރެއްނެތި މިނުރައްކާތެރި ހާލަތުގައިވެސް ތެޔޮ ބައުޒަރުތަކާއި ޕިކަޕާއި މިނޫންވެސް އުޅަދުތައް ދުރައްޖެއްސުމުގައި ވަރަށް ހަރަކާތެރިކޮށް އުޅުނު މަންޒަރު ވަނީ ފެނިގޮސްފައެވެ.

އަލިފާންގަނޑު ނުރައްކާވެ އިތުރަށް ފެތުރިގެން ދިޔައީ ކައިރީގައި އޮތް ޕިކަޕްގައި ރޯވެ ހުޅުގަނޑު ފެތުރުނު ހިސާބުންނެވެ. ޕިކަޕްގައި ރޯވިއިރު ސިފައިންގެ ފަޔަރޓީމާއި، ގިނަ ޢަދަދެއްގެ ސިފައިންގެ އިތުރުން ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ސިފައިން އެސަރަހައްދަށް އައިވަގުތުން ފެށިގެން ހުއްޓުމެއްނެތި އަލިފާން ނިއްވުމުގެ މަސައްކަތް ދިޔައީކުރަމުންނެވެ.

ސިފައިންގެ ފަޔާ ފައިޓަރުންގެ ޓީމުގެ ހުށިޔާރުކަމާއިއެކު އެސަރަހައްދުގައި އަލިފާންގަނޑު ފެތުރުނަނުދީ ކޮންޓްރޯކުރިނަމަވެސް އަލިފާން ރޯވެފައިވާ ބާވަތްތަކުގެ ސަބަބުން އަލިފާންގަނޑު ނިއްވުމުގައި ގިނައިރުތަކެއް ހޭދަވިކަމން ފާހަގަކުރެވެއެވެ. އަލިފާންގަނޑު ރޯވި ސަރަހައްދުން އިތުރު ސަރަޙައްދުތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ސިފައިންގެ ފަޔާޓީމުން އެއްގަމުގައި ހަރަކާތްތެރި ވަމުންދިޔައިރު، ފަޅުތެރޭގައި ކޯސްޓްގާރޑްގެ އުޅަދެއްވެސް އަލިފާން ނިއްވުމުގައި ވަނީ ހަރަކާތެރިވެފައެވެ.

މިއަލިފާނުގެ ހާދިސާކޮންޓްރޯލްކޮށް ނިވާލާފައިވާލެވުނުއިރު މިހާދިސާގައި 8 މީހަކަށް އެކިވަރުގެ ހާނީއްކަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައެވެ. އަލިފާނުގެ ހާދިސާ މިއަދު ހިނގައިދިޔަ ސަރަހައްދާއި، އެސަރަހައްދުގައި ހުރި އުޅަދުތަކާއި، ސާމާނަށްބަލާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އާންމުންނާއި، ސަލާމަތީ ބާރުތަކުން އަވަސް ގޮތަކަށް ހަރަކާތްތެރިނުވިނަމަ މިހާދިސާގެ ނުރައްކާތެރިކަން ވަރަށްބޮޑުވީސްކަން ޔަޤީނެވެ.