ޓެރަރިޒަމްގެ ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި މިސަރުކާރުން ނުހިފާނެކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކުރުމާގުޅިގެން ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ މިޤާނޫނުގެ ބޭނުން މިސަރުކާރުން ނާޖާއިޒްގޮތުގައި ބޭނުން ނުކުރާނެކަމަށެވެ. ޓެރަރިޒަމްގެ ޤާނޫނަށް ގެންނަން ސަރުކާރުން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްކުރުމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތައް ލިބުނު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނާމެދު އެންމެބޮޑު ކަންބޮޑުވުމެއް ފާޅުކުރި އެއްބަޔަކީ ސިޔާސީ ފަރާތްތަކެވެ. ޚާއްސަކޮށް ކުރީ ސަރުކާރުން މިޤާނޫނު ބޭނުންކޮށް ސިޔާސީ އެކިއެކި ފަރާތްތަކަށް ބޮޑެތި މައްސަލަތަކުގެ ދަޢުވާކޮށް ޝަރުޢީ ކޯޓުތަކުން ބޮޑެތި ހުކުމްތައް ކޮށްފައިވާކަމީ ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުން މިޤާނޫނާމެދު އޮތް ސަބަބެއްކަން ފާހަގަކުރެވެއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، މަޖިލީހުގެ ދަނގެތީ ދާއިރާގެ މިހާރުގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި މިނޫންވެސް ސިޔާސީ ގިނަބަޔެއްގެ މައްޗަށް ޓެރަރިޒަމްގެ ޤާނޫނު ބޭންކޮށްގެން ދައުވާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސްކޮށްފައިވަނީ މިއަދުއެވެ. ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ކުރާ މަސައްކަތް، ކަމާއިބެހޭ ވުޒާރާއިން ކޮންމެ 6 މަހަކުން 6 މަހަކުން ރައީސުލް ޖުމްހޫރިއްޔާއަށާއި، ރަށްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޤާނޫނުގައި ލާޒިމްކޮށްފައިވެއެވެ.