ޚަބަރު

ޓެރަރިޒަމްގެ ޤާނޫނާއެކު، ސިޔާސީ މީހުންނަކީ ޓެރަރިސްޓުންކަމަށް ހެދުމުގެ ޖާގަ ހަނިވާނެ - ޝަރީފް


ޓެރަރިޒަމްގެ ޤާނޫނު މިހާރު އޮތްގޮތުން ސަރުކާރުތަކުން ބޭނުންވެގެން ސިޔާސީ މީހުންނަކީ ޓެރަރިސްޓުންކަމަށް ހެދުމުގެ ޖާގަ ނޯންނާނެކަމަށް މިބިލް ދިރާކުރެއްވި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި، ވާހަކަފުޅުދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ހުށަހެޅުމާއެކު އެންމެބޮޑު ކަންބޮޑުވުމެއް އޮތީ ސިޔާސީ މީހުންގެ މެދުގައިކަމަށެވެ. އެކަން އެހެން ވެފައިވަނީ ކުރީގެ ސަރުކާރުން މިޤާނޫނު މާނަކޮށް ސިޔާސީ މީހުންނަށް މިޤާނޫނުގެ ދަށުން ބޮޑެތި ޙުކުމްތައް ކޮށްފައިވާތީކަމާއި ނަމަވެސް މިހާރު މިޤާނޫނު ފަރުމާވެ ގެނެސްފައިވާ އިސްލާޙުތަކާއެކު މިބިރުވެރިކަން ނެތިގެންދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މިބިލް ނާޖައިޒް ގޮތުގައި ބޭނުންނުކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިފައިވާކަމީ ލިބޭ ހިންހަމަޖެހުމެއްކަމަށެވެ. ބިލު އޮތްގޮތުން ކޮންމެ 6 މަހަކުން ކަމާބެހޭ ވުޒާރާއިން ރައީސުލް ޖުމްހޫރިއްޔާއަށާ، މަޖިލީހަށް ރިޕޯޓް ކުރަންޖެހުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް ވިދާޅުވީ މިބިލު އަމާޒުވެގެންދަނީ ދީނީ އިލްމުވެރިންނަށްކަމަށެވެ. ސަރުކާރުން މިހާތަނަށްވެސް މަސައްކަތް ކުރައްވާފައިވަނީ އެއްވެސް އިހުލާސްތެރިކަމެއްނެތި ވަކި ކަންތައްތަކެއް ހާސިލް ކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދައްކަވި އެމްޑީޕީގެ މެމްބަރުންވަނީ ކުރީ ސަރުކާރުން ޓެރަރިޒަމްގެ ބިލް މާނަކުރިގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އެކަންކަން ބަލައި އިންސާފު ޤާއިމްކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި މިއަދު ފުލުހުންނާއި ޕީޖީއާއި މިނޫންވެސް ކަމާއިބެހޭ ފަރާތްތަކަށް ބޮޑެތި ބާރުތައް މިބިލުން ދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން މިބިލް މާނަކުރި ގޮތަށް މާނަކުކޮށް ކަންކަން ކުރުމަށް ނޫންކަމަށްވެސް އެމެމްބަރުން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ކުއްތަކުގެ ގޮތުގައި ބެލެވޭ ކަންތައްތަކަކީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމުގެ އިތުރުން އާންމުންނަށް ނުވަތަ ޢާންމު ބައެއްގެ ސިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ޙާލަތެއް ކުރިމަތި ކުރުވުންކަން ފާހަގަކޮށްލެވެއެވެ.