ޚަބަރު

ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ސީނިއާ ބޭފުޅަކު މަޤާމުން ވަކިކޮށްފި


ރިޝްވަތުގެ މައްސަލައެއްގައި ކަސްޓަމްސްގެ ސީނިއާ ބޭފުޅަކު މަޤާމުން ވަކިކޮށްފިއެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިދާރާގެ އެގްޒެކްޓިވް މަގާމެއްގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކޮށްފައިވާކަމަށެވެ. މިމައްސަލާގައި ކަސްޓަމްސްގެ އެތެރޭގައި ކުރަންޖެހޭ ތަޙުޤީގު ނިންމައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލާގެ ޖިނާއީ ތަޙްގީގު މިހާރު ފަށާފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަޙްގީގު ކުރެވެމުންދާ މައްސައަކަށް ވާތީ ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި ފަރާތުގެ މަޢުލޫމާތެއްވެސް އަދި އޭނާ ވަކިކޮށްފައިވަނީ ކޮން މައްސަލައެއްގައިކަމެއްވެސް މީޑިއާ އޮފިޝަން ވިދާޅުވެފައިނުވެއެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަސްޓަމްސްގެ ތެރެއިން ހިންގޭ ޢަމަލުތައް ހުއްޓުވުމަށް އެއިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ރާއްޖެއަށް ވަގަށް ވެހިކަލް އެތެރެކުރި މައްސަލައެއް ފެންމަތިވުމުން ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށް ތަހުގީގު ފަށާފައިވާކަމަށް އެއިދާރާއިން ވަނީ ވިދާޅުވެއެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސީޕޯޓު ޑިވިޝަނާ ހަވާލުވެ ހުންނެވި ސީނިޔާ ސުޕްރިންޓެންޑެންޓްގެ މަޤާމުގައި ހުންނެވި މުޢާޒް ޢަލީކަމަށް ޕީއެސްއެމް ނިއުސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.