ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދޭ ފޯމު ބަލައިގަންނަނީ


ދަތުރުވެރިންގެ މަރުކޭޓް އިން ގޮޅިތައް ބޭނުންވާ މީހުންގެ ފޯމްތައް ބަލައިގަންނަން މިއަދު ފަށައިފިއެވެ.ދަތުރުވެރިންގެ މާރުކޭޓުން ގޮޅިތައް ބޭނުންވާ މީހުންގެ ފޯމްތައް އަންގާރަ ދުވަހުގެ 2:30 ހަމައަށް ބަލައިގަންނާނެ ކަމަށް ހައުސިންގ މިނިސްޓްރީއިން މައުލޫމާތުދެއެވެ. ދަތުރުވެރިންގެ މާރުކޭޓުން ދޫކުރާ ގޮޅިތަކަށް އެދި ފޯމް ހުށަހެޅި ނަމަވެސް، ދަތުރުވެރިންގެ މާރުކޭޓުން އަލަށް ދޫކުރަނީ ކިތައް ގޮޅި ކަމެއް މިނިސްޓްރީން އަދި ހާމަނުކުރެއެވެ. މާރުކޭޓް ގޮޅިތަކުގައި ވިޔަފާރިކުރަން ހައުސިން މިނިސްޓްރީން އެކުލަވާލައި  އަމަލުކުރަން ފެށި އާ އުސޫލްގައިވާގޮތުން އެ އުސޫލަށް އަމަލުކުރަން ފެށިޔަސް މާލޭ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ގޮޅިތަކަށް ފައިސާ ދައްކާ، މީހުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނަށް ގޮޅިތަކުގައި ވިޔަފާރިކުރަން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް އުސޫލްގައިވެއެވެ. އަދި މިއުސޫލްގައި ވާގޮތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކާ މީހުންނަށް ގޮޅިތަކުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ވެސް ތަން ހިންގުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ވެސް އުސޫލްގައި ބަޔާން ކޮށްފައިވެއެވެ.ރޯދަ މަހަށް ހާއްސަކޮށް ދަތުރުވެރިންގެ މާރުކޭޓް މިހާރު އަންނަނީ މަރާމާތުކުރަމުން، އެތަނުގެ ވަށާފާރު ރާނައި، ތަޅުން އެޅުމާއި ފުރާޅުގެ  މަސައްކަތް އެމްއެންޑީއެފްއާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ.