ވިޔަފާރި

ޝެފުންނަށް ޙާއްސަކޮށްގެން މާސްޓަރ ކުލާހެއް ބީބީއެމްއިން ބާއްވައިފި


ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ޝެފުންނަށް ހާއްސަކޮށްގެން ބެސްޓް ބައި މޯލްޑިވްސްއިން މާސްޓަ ކްލާހެއް ބާއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 3:00 އަށް ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި މި ކްލާހުގައި، އޭޝިއާގެ މަޝްހޫރު ޝެފް ބްރޫނޯ މެނާޑް ވަނީ ކެއްކުމާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތުދީފައެވެ.

ބެސްޓް ބައި މޯލްޑިވްސްއިން ބުނީ މި މާސްޓަރ ކްލާހުގެ މަޤްސަދަކީ ރާއްޖޭގެ ޝެފުންނަށް ކެއްކުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުންކަމަށެވެ. އަދި އަންނަ މަހު އޮންނަ ހޮޓެލް އޭޝިޔާ ކަލިނަރީ ޗެލެންޖަށް ޝެފުން ތައްޔާރުކުރުމަކީވެސް މި ކްލާހުގެ މަޤްސަދެއްކަމަށް ބީބީއެމްއިން ބުނެއެވެ. މި ކްލާހުގައި ބައިވެރިވި ޝެފުންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ކާއެއްޗެހި ތައްޔާރުކުރާނެ ގޮތް ވަނީ ކިޔާދީފައެވެ.

ބީބީއެމްއިން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ޝެފުންނަށް އަމާޒުކޮށްގެން މިފަދަ މާސްޓަރ ކްލާސްތައް އަންނަނީ ބާއްވަމުންނެވެ. މި ކްލާހުގައި 95 ޝެފުން ބައިވެރިވެފައިވާކަމަށް ބީބީއެމްއިން ބުނެއެވެ.

މީ ޝެފުންނަށް ހާއްސަކޮށްގެން ބީބީއެމްއިން މާސްޓާ ކްލާސް ބޭއްވި 4 ވަނަ ފަހަރުއެވެ. ބެސްޓް ބައި މޯލްޑިވްސް އަކީ ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި ރާއްޖޭގެ ރިސޯޓުތަކަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ސަޕްލަޔަރެވެ. ކާބޯތަކެތީގެ އިތުރުން ރީތިވާ ސާމާނު ވެސް މި ކުންފުނިން ރިސޯޓުތަކަށް ސަޕްލައިކުރެ އެވެ.