ޚަބަރު

ކޮޅުވެއްޓިއެއްގައި ހިނގި ޙާދިސާއެއްގައި ޒަހްމަވި ބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެ


ތުނޑިފުށި އައިލެންޑް ރިސޯޓްގައި ބޭނުންކުރި ކޮޅުވެއްޓިއެއްގައި ހިނގި ހާދިސާއެއްގައި ޒަހްމަވި ބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

މަރުވީ ޢުމުރުން 47 އަހަރުގެ ފިރިހެނެއްކަމަށާ، އޭނާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް މަރުވިއިރު އޭނާއަށް ފަރުވާ ދެމުންދިޔަ އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ރޭ ހިނގި މިޙާދިސާގައި 3 ބިދޭސީއަކަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ވިދާޅުވީ އިއްޔެ އިރުއޮއްސުނުއިރު އެހާދިސާ ހިނގަން މެދުވެރިވީ އެކޮޅުވެއްޓީގެ ރޭމްޕް ހިއްލަން ޗެއިން ބޮލްކް ބޭނުންކުރިއިރު އޭގެ އެއްފަޅި ފެއިލް ވެގެންކަމަށެވެ. ޗެއިން ބްލޮކް ބޭނުންކުރި ވަގުތު 3 މީހުންވެސް ތިބީ ރޭމްޕް މަތީގައި ކަމަށާއި އެ މެޝިން ފެއިލްވި ވަގުތު އެ މީހުން ވިއްސައިގެން ގޮސް ޖެހި ތިން މީހުންނަށް އަނިޔާވިކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެ ވަގުތު އެކަކުގެ އިނގިއްޔެއް ޗިސް ޗިސްވެފައިވާއިރު އަނެއް ދެ މީހުންގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.