ސިއްހަތު

ހިތުގެ ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް އައިޖީއެމްއެޗްގައި ކުރިއަށްގެންގޮސްފި


ހިތުގެ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޙާއްސަ ސެޝަނެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގައި ބާއްވައިފިއެވެ.

އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ ނެޝެނަލް ކާޑިއެކް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަނަކީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެޝަނުގައި އައި.ޖީ.އެމް.އެޗްގެ ބައެއް ސްޓާފުންނާއި، އެންޖިއޯޕްލާސްޓީ ހަދާފައިވާ ބައެއް ހިތުގރ ޕޭޝަންޓުން ބައިވެރިވެފައިވެއެވެ.

އައި.ޖީ.އެމް.އެޗްގެ އޯކިޑް ހޯލުގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި މަޢުލޫމާތުދީފައިވަނީ އިންޓަރވެންޝަން ކާޑިއޮލޮޖިސްޓް ޑރ. މިޤްދާދާއި، ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓް ޑރ. އެލީނާގެ އިތުރުން ފިޒިޝަނެއްކަމަށްވާ ޑރ. ސުނިލްއެވެ. މި ސެޝަންގައި ހިތުގެ އެކި ކަހަލަ ބަލިތައް ޖެހުމަށް މެދުވެރިވާ ތަފާތު ސަބަބުތަކާއި ގުޅޭގޮތުން މަޢުލޫމާތުދީފައިވާއިރު، ހިތުގެ ބަލީގެ ނުރައްކަލާއި، އެފަދަ ބަލިތަކަށް އިންސާނާގެ ހަށިގަނޑު މަގުފަހިކުރުވާ އާދަތަކުން ދުރުހެލިވުމަށް ކުރެވިދާނެ ތަފާތު ކަންކަމާގުޅޭގޮތުންވެސް މަޢުލޫމާތުދީފައިވެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ މުހިއްމުކަމާއި، ކެއުންބުއިމުގެ ކަންކަން ބަހައްޓަންވީގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނަށް ދީފައިވެއެވެ. މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ ހަކުރާއި، ލޭގެ ޕްރެޝަރވެސް ވަނީ ބަލާފައެވެ.

މީގެ އިތުރުން ދުނިޔޭގެ ހިތުގެ ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައި.ޖީ.އެމް.އެޗުގައި ޙާއްސަ އެސެމްބްލީއެއްވެސް ބާއްވާފައިރު، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ޙާއްސަ އިޤުރާރެއްގައި ސައިކޮށްފައިވެއެވެ.