ޚަބަރު

ހދ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗްތައް މިއަދާއި މިރޭ


ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗްތައް މިއަދާއި މިރޭ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އޮންނާނެއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8 ޖަހާއިރު ކުޅޭ ފިރިހެން ޑިވިޒަންގެ ފައިނަލް މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމާއި ނޮޅިވަރަމެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައިނަލުގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާ ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ. އަދި ކުޅުދުއްފުށި ފައިނަލަށް ދިޔައީ، ސެމީ ފައިނަލުގައި ހަނިމާދޫއާ ބައްދަލުކޮށް 3-1 ސެޓުން ބަލި ކުރުމަށްފަހުގައެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލަށް ކުޅުދުއްފުށި އަދި ނޮޅިވަރަން ދިޔައީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ފިރިހެން ޑިވިޝަންގައި ދެންވާދަކުރީ ވައިކަރަދޫ ވިއެސް އަދި ފިނޭ އެވެ.