ޚަބަރު

ދިވެހިންނަނަކީ ހުންނަރުވެރިބައެއް، ބޭނުންވަނީ ފުރުސަތު - ނައިބު ރައީސް


ދިވެހިންނަކީ ހުންނަރުވެރި ގާބިލް ބައެއް ކަމަށާއިޮ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ބޭނުންވަނީ ފުރުސަތުތަކެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ ޖޮބް ފެއަރއަށް ޒިޔާރަތްކުރައްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށް އިތުރުކުރަން ޖެހޭކަމަށް ސަރުކާރުން ގަބޫލުކުރާކަމަށެވެ.

އެހެންވެ ދިވެހިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާ، އޭގެ ސަބަބުން އިތުރު ފުރުސަތުތައް ލިބިގެންދާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަނީ ދިވެހިންގެ މެހެމާންދަރީ ރަނގަޅުވުމާއި ރާއްޖޭގެ ރީތިކަމުގެ މައްޗަށްކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވަނީ އެކަން އެ ގޮތުގައި ދަމަހައްޓެވުމަށް އެދިވަޑައިގެންފައިއެވެ.

"ދިވެހިންނަށް ބޭނުންވެގެން އުޅޭ އެއްޗަކީ ފުރުސަތު. އަޅުގަނޑުމެން ޖެހޭނީ ދިވެހި ޒުވާނުނަށް، ދިވެހިންނަށް ފުރުސަތު ހޯދަދޭން، ދިވެހިންނަށް ފުރުސަތު ހޯދަދިނީމަ ދިވެހިން ފެއިލްއެއް ނުވާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ކޮންމެ ޢާއިލާއަކަށް ފަތުރުވެރިކަމުގެ ފައިދާކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.