ކުޅިވަރު

ބޫޓާން ބަލިކޮށް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ރާއްޖެއިން ހޯދައިފި


ނޭޕާލްގައި މިހާރު ކުރިއަށްދާ އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތިންވަނަ ދިވެހިރާއްޖެއިން ހޯދައިފިއެވެ.

ރާއްޖެއިން މުބާރާތުގެ ތިންވަނަ ހޯދީ މިއަދު، ތިންވަނަ ހޮވާ މެޗުގައި ބޫޓާންގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 74ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ އިބްރާހިމް އިމްރާންއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ރާއްޖެ ވަނީ ބޫޓާން އާއި ދެކޮޅަށް ކުޅެފައެވެ. އެމެޗު އެއްވަރުވީ ދެޓީމުންކުރެ އެއްވެސް ޓިމަކަށް ލަންޑެއް ނުޖެހިއެވެ. ގްރޫޕް ސްޓޭޖުގައި ދެން ރާއްޖެ ވާދަކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އާއެވެ. އެމެޗުން ނޭޕާލް އަތުން އެއްވަރުވީ 1-1އިންނެވެ. އެމެޗުގައި ރާއްޖެއަށް ލަނޑުޖަހައިދިނީ ކެޕްޓަން ހަސަން ނަޒީމްއެވެ.

މުބާރާތަށް ރާއްޖެ ކުރިމަތިލީ ސެމީ ފައިނަލަށް ދިއުމަށް ޓާގެޓް ކަނޑައަޅައިގެންނެވެ. ސެމީގައި ރާއްޖެ ވާދަވެރި އިންޑިއާ އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ތިންވަނަ ރާއްޖެއިން ހޯދިއިރު މިއީ ޒުވާން ގައުމީ ޓީމަށް މިހާތަނަށް އެންމެ ކުރިއެރުން ލިބުނު މުބާރާތެއެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ މުބާރާތް ރާއްޖޭން ނިންމާލީ ގޯލެއް ނުޖެހި ޕޮއިންޓެއް ވެސް ނުލިބިއެވެ.