ކުޅިވަރު

ނިލަންދޫ ބަލިކުރަން ފަސޭހައެއް ނުވާނެ: ނިޝްތާރު


ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ފޯކައިދޫ ކުޅޭ ފުރަތަމަ މެޗުގައި ނިލަންދޫ އަތުން މޮޅުވާން ފަސޭހަނުވާނެކަމަށް ށ.ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި ފޯކައިދޫއާއި ނިލަންދޫ ބައްދަލުކުރި މެޗު 2-3 އިން ކާމިޔާބުކުރީ ނިލަންދޫއެވެ. ލީގުގެ ދެވަނަ ބުރުގައި ނިލަންދޫއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނީ، ނިލަންދޫ ޓީމަކީ އަންޑަރއެސްޓިމޭޓް ކުރާ ވަރުގެ ޓީމެއް ނޫންކަމަށާއި، އެންމެ ފަހުން ޕްރިމިއަރ ލީގުގައި ނިލަންދުއާއި ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް އެޓީމު އަތުން ބަލިވެފައިވާކަމަށެވެ. އެހެންކަމުން ތިންވަނަ ފަހަރަށް ފޯކައިދޫ ބަލިކުރުމުގެ ފުރުސަތު ނިލަންދުއަށް ދޭން ބޭނުންނުވާކަމަށް ނިޝްތާރު ބުންޏެވެ.

ނިޝްތާރު ބުނީ ޓީމުގެ މަލީ ހާލަތު އިތުރަށް ރަނގަޅު ނުކޮށް ލީގުގައި ދާން ވަރަށް އުނދަގޫވަނޭކަމަށާއި، އެވާހަކަ އިތުރަށް ދައްކަންވެސް ބޭނުންނުވާކަމަށެވެ. ނިޝްތާރު ބުނީ ޓީމުގެ ހާލަތު އަދިވެސް ރަނގަޅު ނުވާކަމަށާއި، އެންމެ ފަހުން ޓީސީއާއި ދެކޮޅަށް ކުޅުނު މެޗުގައި ނުކުތީ ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއްވެސް ނޫންކަމަށެވެ. އެހެންކަމުން މިރޭ ނިލަންދުއާއި ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމުގެ އަޒުމުގައި ކަމަށް ނިޝްތާރު ބުންޏެވެ.

"އަންޑަރއެސްޓިމޭޓް ކުރެވެ ވަރުގެ ބައެއް ނޫން ނިލަންދުއަކީ. ޖެހިޖެހިގެން ދެ ފަހަރު ލަނޑު ދީފި. މިދިޔަ އަހަރުގައި ލީގުގެ ފަހު މެޗުގައި 0-5 އިން ދެން އެއަށް ފަހު އިހަށްދުވަހު އެ ބަލިކުރީ. ތިންވަނަ މެޗުގައި ބަލިކުރަން ފުރުސަތު ނުދޭނަން. ބަދަލު ހިފާނަން." ނިޝްތާރު ބުންޏެވެ

މެޗުގެ ކުރިން ވާހަކަ ދައްކަމުން ފ.ނިލަންދޫ ޓީމުގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ފޯކައިދޫއާއި އެންމެ ފަހުން ކުޅުނު މެޗުގައިވެސް އެޓީމު އަތުން ތިން ޕޮއިންޓް ހޯދި ފަދައިން މި މެޗަށްވެސް ނުކުންނާނީ ތިން ޕޮއިންޓް ހޯދަންކަމަށެވެ. އަދި ފޯކައިދުއަކީ ނިލަންދުއާއި ވާދަކުރެވޭ ފެންވަރުގެ ޓީމެއްކަމަށްވެސް ފެސްކޯ ބުންޏެވެ.

"އަނެއްކާވެސް ފޯކައިދުއާއި މި ކުޅެން ޖެހެނީ. މަސައްކަތް ކުރަނީ ހަމަ ހޯދެން ހުރި ހުރިހާ ޕޮއިންޓެއް ހޯދަން. މީގަ އެއްކަމަކީ އަޅުގަނޑުމެން މުބާރާތް ފެއްޓިއިރުވެސް މި ދައްކަނީ ނިލަންދުއާއި ވާދަކުރެވޭ ވަރުގެ ޓީމުތައް އެބައުޅެއޭ. އޭގެ ތެރެއިން ޓީމެއް ފޯކައިދޫ މީ." ފެސްކޯ ބުންޏެވެ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ށ.ފޯކައިދޫ އޮތީ ކުޅުނު 8 މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ. އަދި ފ.ނިލަންދޫ އޮތީ 6 ޕޮއިންޓާއެކު 8 ވަނައިގައެވެ. ލީގުުގެ އެއްވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު ދެވަނައިގައި 16 ޕޮއިންޓާއެކު އޮތީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. އަދި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތީ ޓީސީއެވެ. ގްރީންއަށް ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.