ޚަބަރު

ގިނަ ޢަދަދެއްގެ ފައިސާތަކެއް ބޭރުކުރަން އުޅުނިކޮށް ހުއްޓުވައިފި


ރާއްޖޭގައި މަނީ ލޯންޑާކޮށް ޤަވާއިދާއި ޙިލާފަށް އެތައް ވިޔަފާރިތަކެއް ހިންގަމުންދަނިކޮށް ޑިޕޯޓް ކޮށްލި ބަންގްލަދޭޝްގެ އަބޫ ހަނީފްގެ ނެޓްވޯކުން 2 މިލިޔަނަށްވުރެ ގިނަޢަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަމާބެހޭ އިދާރާތަކުން ހުއްޓުވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމްސްއިން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ޑޮލަރާއި ޔޫރޯ ބޭރުކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކާއި ބަންގްލަދޭޝް މީހަކު ހިފަހައްޓައި މިމައްސަލަ ތަހުޤީޤުކުރުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް ބޭރުކުރަން މަސައްކަތް ކޮށްފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއްކަމެއް ކަސްޓަމްސްއިން ބުނެފައިނުވެއެވެ. ކަސްޓްމްސްއިން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ބޭރުފައިސާ ގެންދެވޭނީ އެއްފަހަރާ ވިހި ހާސް ޑޮލަރު ކަމަށާއި، އެއަށްވުރެއް އިތުރަށް ފައިސާ ގެންދިއުމަކީ މަނާކަމެއްކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިމަހުގެ 15 ދުވަހު 33 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ،ފަސްދޮޅސް ހާސް ޑޮލަރާއި، ފަސް ހާސް ހަތަރުސަތޭކަ ޔޫރޯއައިއެކު ފުރަންގޮސް އުޅެނިކޮށް ހިފަހައްޓާފައިވާކަމަށެވެ. އަދި މިމަހުގެ 23ވަނަ ދުވަހު 43 އަހަރުގެ ދިވެހި ފިރިހެނަކު 4600 ޑޮލަރާއި، 37500 ޔޫރޫއާއިއެކު ފުރަންގޮސް ހުއްޓާ އެއާރޕޯޓުން ހައްޔަރުކޮށްފައިވާކަމަށެވެ. މިދެ މައްސަލާގައިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ދެ މައްސަލަވެސް ފުލުހުން ތަހުޤީޤު ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލަޔަކީ ރާއްޖޭގައި މަނީ ލޯންޑާކޮށް ޤަވާއިދާއި ޙިލާފަށް އެތައް ވިޔަފާރިތަކެއް ހިންގަމުންދަނިކޮށް މި މަހުގެ 13ގައި ޑިޕޯޓްކޮށްފައިވާ އަބޫ ހަނީފް އަބޫ ހަނީފްގެ ނެޓްވޯކުން ރާއްޖެއިންބޭރުކުރަން މަސައްކަތްކުރި ފައިސާތަކެކެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ހިންގަމުންދިޔަ ވިޔަފާރިތަކުގެ ތެރެއިން މަރުކަޒީބޭންކު އެމްއެމްއޭއިން ހިފަހައްޓާފައިވާ ލައިސަންސުތަކަކީވެސް އަބޫ ހަނީފްއާއި ގުޅުންހުރި ވިޔަފާރިތަކެކެވެ. އެމްއެމްއޭއިން ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓާފައިވާ ދެވިޔަފާރިއަކީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑާއި، ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސްއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، މަނީލޯންޑަރީކޮށް ހިންގަމުންދާ ޤާނޫނާއި ޙިލާފްކަންކަން ހުއްޓުވުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި ގަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީންނާއިމެދު ހަރުކަށި ފިޔަވަޅުއަޅައި ބިދޭސީންގެ މައްސަލަހައްލުކުރުމަށްވެސް އަވަސްފިޔަވަޅުތަކުން ސަރުކާރުން ދަނީ އަޅަމުންނެވެ.