ކުޅިވަރު

ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ވިކްޓްރީގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ޓީސީން ކާމިޔާބުކޮށްފިއެވެ. ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުން ޓީސީން މިއަދުގެ މެޗު ކާމިޔާބުކުރީ 3-0 އިންނެވެ.

މި މޮޅާއެކު ޓީސީ ވަނީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައި ދެ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އެކަމަކު މިރެ އާއި މާދަމާ ކުޅޭ މެޗުތަކަށް ފަހު ޓީސީއަށް ދެ ވަނަ މަގާމް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ އެއް ވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އާއި ބިމަލް ގާތީ މަގަރް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) އާއި އިބްރާހީމް އަތީގް ހަސަން (އިއްބެ) ވަނީ ކުޅެން އަރުވާފައެވެ. މި ބަދަލުތަކާއެކު ޓީސީގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށް އެޓީމުން ގާތްގާތުގައި ގޯލުތައް ޖެހި އެވެ. ޓީސީން މެޗުގެ ނަތީޖާ އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސައްޓު އެވެ. މެޗުގެ ފުރަތަމަ ގޯލު 54 ވަނަ މިނެޓުގައި ސައްޓު ދިން ބޯޅައަކުން ޖެހީ އަކްރަމް އަބްދުލްޢަނީ އެވެ. އޭގެ 10 މިނެޓު ފަހުން ޓީސީގެ ދެ ވަނަ ގޯލު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. އަރިމަތިން އަކްރަމް ނަގައިން ބޯޅަ ސައްޓު ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ. އޭގެ ފަސް މިނެޓު ފަހުން ޓީސީގެ ތިން ވަނަ ގޯލު ވެސް ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި އީގަލްސް އެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.