ޚަބަރު

ކައުންސިލް އިންތިޚާބުގެ ބަޖެޓް ވަނީ ހަމަޖެހިފައި - އިލެކްޝަން


އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޙާބުގެ ބަޖެޓް ހަމަޖެހިފައިވާ ކަމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ފިނޭންސް މިނިސްޓަރާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު ކައުންސިލް އިންތިޚާބަށް ބޭނުންވާ ބަޖެޓް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުން ހުށަހެޅިގޮތަށް އިންތިޚާގެ ކަންކަމަށް ހިންގުމަށް ބޭނުންވާ ބަޖެޓާއި، އިދާރީ ކަންކަމަށް ޙަރަދުވާ ބަޖެޓްވެސް ހަމަޖައްސަ ދެއްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި، ފިނޭންސް މިނިސްޓްރީއާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކައުންސިލް އިންތިޙާބުގެ ބަޖެޓްވަނީ ހަމަޖެހިފަ. އިދާރީ ކަންކަމާއި، އިންތިޙާބްގެ ކަންކަމަށް ބޭނުންވާ ބަޖެޓްވެސް ވަނީ ހަމަޖެހިފަ. މިހާރު ހަމަނުޖެހި އޮތީ ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގަން ބޭނުންވާ ބަޖެޓް. އެކަމާއި އަޅުގަނޑުމެން މިމަޝްވަރާތައް ކުރީ" ޝަރީފް ވިދާޅުވި.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ތާވަލް ކޮށްފައިވަނީ އަންނައަހަރުގެ އޭޕްރީމް މަހުގެ ތެރޭގައެވެ. މިފަހަރުގެ ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް އަންނައިރު ފޮށީގެ ޢަދަދުވެސް އިތުރުވާނެކަމަށް އިލެކްޝަނުނ ވަނީ ބުނެފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ވޭތުވެތިދަ އިންތިޚާބުތަކާ އަޅާބަލާއިރު 178 ފޮށި އިތުރުވާނެއެވެ.

ކައުންސިލް އިންތިޚާބަށް މިގެނައި ބަދަލާއެކު މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވިދާޅުވިއެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވާލާނީ އަންނައަހަރުގެ ފެބުރުއަރީ މަހުގައެވެ.