ޚަބަރު

މިއަންނަ އަހަރުވެސް ރާއްޖޭގައި ބީޗްވޮލީ މުބާރާތް ބާއްވަންޖެހޭ - މިނިސްޓަރ މަލީޙު


މިއަންނަ އަހަރުވެސް ބީޗް ވޮލީ މުބާރާތް ރާއްޖޭގައި ބާއްވަންޖެހޭކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ފުރަވެރި މޯލްޑިވްސްގައި ފެށިގެން ކުރިއަށްދާ ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީ މުބާރާތުގައި އޮލިމްޕިކްސްގައި ބީޗް ވޮލީ ކުޅެފައިވާ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރެއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ބީޗް ވޮލީ މުބާރާތަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ވަރަށް ފަސޭހަ މުބާރާތެއްކަމަށާއި ރާއްޖޭގައި ގުރުރަތީ ގޮތުން އުފެދިފައިވާ ބީޗްތަކުގެ ބޭނުން، މިފަދަ މުބާރާތްތައް ބޭއްވުމަށްވެސް ހިފަންޖެހޭކަމަށެވެ.

"އަޅުގަނޑު ބުނާނީ މިއީ ވަރަށް ޝަރަފްވެރި މުބާރާތެއްކަމަށާއި މިއީ ފެށުމަކަމަށް. ރާއްޖޭގައި ގުތުރަތީ ގޮތުން އުފެދިފައިވާ ބީޗްތަށް، ފަތުރުވެރިކަމުގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށްވެސް ބޭނުން ކުރެވިދާނެކަމަށާއި ރާއްޖޭގައި ވޮލީގެ ގިނަ މުބާރާތްތަކެއް ބޭއްވިދާނެކަމަށް. މިއަންނަ އަހަރުގައި މިމުބާރާތް ބޭއްވުމަށް މީހާރުއްސުރެން ޓިކެޓް ބުކްކޮށް، ތާރީހުތަށް ފައިނަލްކޮށް، ރާއްޖެ އައުމަށް ނިންމަންވީ. މިއީ ފެށުމުން މިއަންނަ އަހަރުވެސް މިމުބާރާތް ރާއްޖޭގައި ބޭއްވުން ވަރަށް މުހިންމު." މިނިސްޓަރ މަލީޙު ބުންޏެވެ.

މިނިސްޓަރ މަލީހުވަނީ މިމުބާރާތް އިންތިޒާމް ކުރުމުގައި މޯލްޑިވްސް ވޮލީބޯޅަ ވެޓްރަންސްއާއި ފުރަވެރި މޯލްޑިވްސްއިން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ. ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީ މުބާރާތަކީ ޔޫތް މިނިސްޓްރީ އާއި މޯލްޑިވްސް ވެޓްރެންސް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެއެވެ.