ޚަބަރު

ފަސް ހާހަށް ވުރެގިނަ ދަރިވަރުންނާއިއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މާދަމާ ފަށަނީ


ފަސް ހާހަށް ވުރެ ގިނަ ދަރިވަރުންނާއިއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު މާދަމާ ފަށާނެއެވެ.
މިއަހަރުގެ އިމްތިހާން މާދަން ފަށާފައިވާއިރު އިމްތިހާން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ ބާރަވަނަ ދުވަހަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ އޯލެވެލް އިމްތިހާންގައި ރާއްޖެއިން ދުއިސައްތަ ތިރީސް ހަތަރު ސެންޓަރަކުން ފަސް ހާސް ފަސް ސަތޭކަ ފަސްދޮޅަށް ނުވަ ދަރިވަރުން ބައިވެރިވެއެވެ.
މީގެތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ސަރުކާރުގެ ސަތޭކަ ހަތްދިހަ ހަތަރު ސްކޫލްއިން ތިންހާސް އެއް ދަރިވަރުންނާއި އަމިއްލަ ތިރީސް އަށް ސެންޓަރަކުން ފަސް ސަތޭކަ ތިރީސް ފަސް ދަރިވަރުންނެވެ.

އަދި މާލޭގައި ހިންގާ ސަރުކާރުގެ ވިހި ސްކޫލުން އެއްހާސް ހަތް ސަތޭކަ ތިރީސް ދޭއް ދަރިވަރުންނާއި އަމިއްލަ ދެ ތަނަކުން ތިންސަތޭކަ އެއް ދަރިވަރުންނެވެ. މިއަހަރުގެ އެސް.އެސް.ސީ އިމްތިހާނުގައި ދުއިސައްތަ ސައުވީސް ތަނަކުން ފަސް ހާސް ދުއިސައްތަ އަށްޑިހަ ހަތަރު ދަރިވަރުން ހިމެނެއެވެ. އެއީ އަތޮޅުތަކުގެ ސަތޭކަ ހަތްދިހަ ތިން ސްކޫލަކުން ތިން ހާސް ތިންސަތޭކަ އަށް ދަރިވަރުންނާއި އަމިއްލަ 33 ތަނަކުން ދުއިސައްތަ ސާޅީސް ނުވަ ދަރިވަރުންނެވެ.

މީގެ އިތުރުން މާލޭގެ ސަތާރަ ސްކޫލަކުން އެއްހާސް ހަސަތޭކަ ތިރީސް އަށް ދަރިވަރުންނާއި މާލޭގައި ހިންގާ އަމިއްލަ ތަނަކުން އަށްޑިހަ ނުވަ ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވެއެވެ. މިއަހަރުގެ އިމްތިހާނުގައި ޢަރަބި މާއްދާއިން އެއް ސެންޓަރުން ސާޅީސް ދަރިވަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން އަންނަ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު އެޗްއެސްސީ އިމްތިހާން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއިމްތިޙާނުގައި ސާޅީސް އަށް ސެންޓަރަކުން، އެއް ހާސް ހަސަތޭކަ އެއްތިރީސް ދަރިވަރުން ބައިވެރިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.