ޚަބަރު

ޓެރަރިޒަމްގެ ބިލް ކޮމިޓީން ފާސްކޮށްފި


ޓެރަރިޒަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީން ފާސްކޮށްފިއެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ކޮމިޓީން ގެނައި އިސްލާހުތަކާއެކު ފާސްކޮށްފައިވަނީ ރޭ ބޭއްވި އެކޮމިޓީގެ ބައްދަލުވުމެއްގައެވެ. އިސްލާޙުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހީމް ޝަރީފް ވިދާޅުވީ ކޮމިޓީން މި ބިލު ފާސްކޮށްފައިވާނީ ޤައުމުގެ މިހާރުގެ ޙާލަތަށް ބަލައި ކަމާއިބެހޭ ފަރާތްތަކާއި ޢާންމުންނާއި މަޖިލިސް މެމްބަރުންގެ ޚިޔާލްތަކަށް ބަލައި އެކަންކަމަށް ރިޢާޔަތްކުރުމަށް ފަހުކަމަށެވެ.

ބިލަށް މައިގަޑު ގޮތެއްގައި ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެމުހިންމު އިސްލާޙުތަކުގެ ގޮތުގައި ހިމެނެނީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރެވޭ ގޮތަށް ޓެރަރިޒަމްގެ ޤާނޫނަށް ބަދަލު ގެނައުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި 48 ގަޑިއިރަށް ފުލުހުންނަށް ބަލައި ފާސްކުރުމުގެ ހުއްދަ ދޭގޮތަށް އޮތްނަމަވެސް އެހުއްދަ 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން "ރިޕޯޓިން މެކޭނިޒަމެއް" ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވާކަމަށާ، ކޮންމެ 6 މަހަކުން 6 މަހަކުން ކަމާބެހޭ ވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށާއި ކޮމިޓީއަށް މިރިޕޯޓް ހުށަހަޅަން ޖެހޭގޮތަށް އިސްލާޙު ގެނެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިމަސައްކަތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމައިއެކު ކުރެވިފައިވާ މަސައްކަތެއް ކަމަށާ، ކަމާގުޅުންހުރި މުއައްސަސާތަކުން މިކަމުގައި ދެއްވި އެއްބާރުލުން ނުހަނުބޮޑަށް ފާހަގަކުރާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިމަސައްކަތް މަޖިލިސް ޗުއްޓީގައި އޮއްވާ އެއްވެސް ދުވަހެއްގައި ޗުއްޓީ ނުނަންގަވައި ކޮމިޓީ މެމްބަރުން ކުރެއްވި މަސައްކަތަށްވެސް ޝަރީފްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.

މަރުތަކާބެހޭ ކޮމިޝަނުން ބައެއް މަރުތަކުގެ ރިޕޯޓް ނިންމާފައިވާއިރު މައްސަލަތައް ތަޙުޤީގުކުރުމަށް ޤާނޫނީ ގޮންޖެހުންތަކެއް ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ. ރައީސްވަނީ މިމައްސަލަ ޙައްލުކުރެއްވުމަށް ޓެރަރިޒަމްގެ ޤާނޫނުގެ އިތުރުން ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.