ޚަބަރު

ލޮލުގެ ބަލިތަކުގެ ފަރުވާއާއި ގުޅޭ ކޮންފަރެންސްއެއް ރާއްޖޭގައި ފަށައިފި


ލޮލުގެ ބަލިތަކާއި، އެ ބަލިތަކުގެ ފަރުވާ ފުޅާކޮށް ކުރިއެރުވުމާ ގުޅޭގޮތުން ސާކް ޤައުމުތައް ބައިވެރިވެގެން ރާއްޖޭގައި ކޮންފަރެންސްއެއް ފަށައިފިއެވެ.

"ސައުތް އޭޝިއަން އެސޯސިއޭޝަން ޕީޑިއެޓްރިކް އޮޕްތޮމޮލޮޖީ އެންޑް ސްޓްރިބިސްމަސް އެސޯސިއޭޝަން ކޮންފަރެންސް"ގެ ނަމުގައި ފެށި މި ކޮންފަރެންސްގައި، ސާކްގެ ހުރިހާ ޤައުމުތައް ހިމެނޭހެން 35 ފަރާތަކުން ބައިވެރިވެއެވެ. މިއީ ލޮލުގެ ބަލިތަކާއި ގުޅޭގޮތުން ސާކް ޤައުމުތަކުގެ މެދުގައި ބާއްވާ ފުރަތަމަ ކޮންފަރެންސްއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކޮންފަރެންސްގެ ލޯކަލް އޮގަނައިޒިންގ ކޮމިޓީގެ މެންބަރު ޑރ.މުޙައްމަދު އައްޒާމް ވިދާޅުވީ މިކޮންފަރެންސްގައި ބައިވެރިވަނީ ސާކް ޤައުމުތަކުގައި ލޮލުގެ ފަތުވާދޭ އެންމެ ފުންނާބު އުސް ޑޮކްޓަރުންކަމަށެވެ. އަދި މިކޮންފަރެންސްގައި ލޮލަށްޖެހޭ އެކިއެކި ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ބަލީގެ ކުރީކޮޅު ބަލި ދެނެގަންނާނެގޮތާއި، އަދި ދެވޭނެ ފަރުވަތަކާގުޅޭގޮތުން ފުޅާ ދާރާއެއްގައި މަޢުލޫމާތު ބަދަލުކުރާނެއެވެ.

"ކުޑަކުދިންނަށް ދިމާވާ ލޮލުގެ މައްސަަލަތަކަށް ވަރަށް ބޮޑަށް އެބަ އަލިއަޅުވާލެވޭ. އެކަންކަން ޙައްލުކުރާނެ ގޮތާއި، ފަރުވާތަކާއި ގުޅޭގޮތުން ދިރާސީ ނަޒަރަކުން އެބަ ބަލާލެވޭ." ޑރ.އައްޒާމް ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ފުރަތަމަ ދުވަހުގައިވަނީ އެކިއެކި ޑޮކްޓަރުން ހަދާފައިވާ ދިރާސާތަކާއި، ލޮލުގެ ނާޒުކު އޮޕަރޭޝަންތައް ކުރާ ގޮތްތައް ދައްކާލައްވާފައެވެ.

މި ކޮންފަރެންސް ފައްޓަވައިދެއްވީ އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ.ޝީޒާ ޢަލީއެވެ. ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން ޑރ.ޝީޒާ ވިދާޅުވީ މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން އެކި ޤައުމުތަކުގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްތައް އެހެން ޤައުމުތަކާއި ޙިއްސާކުރެވި، ދާއިރާ ކުރިއެރުމުގައި އެހީއަކަށް ވެގެންދާކަމަށެވެ.

"ކޮންފަރެންސގައި ޕްރެސެންޓް ކުރާ ޕޭޕަރުތަކާއިއެކު އާ ގިނަ މަޢޫލޫމާތުތައް އެބަ ލިބޭ. އަދި އެއް ޤައުމު އަނެއް ޤައުމުމާއި އޮންނަ ގުޅުން ބަދަހިވެ، ދާއިރާ ކުރިއެރުވުމަށް ފަސޭހަވޭ." ޑރ ޝީޒާ ވިދާޅުވިއެވެ.

މި ކޮންފަރެންސް މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މީގެ 2ވަނަ ކޮންފަރެންސް އޮންނާނީ ނޭޕާލްގައެވެ.