ޚަބަރު

"ލާމާފަރު ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބާއްވައިފި


ލާމު އަތޮޅުގެ ގުދުރަތީ ރީތިކަމާއި ދިރުންތަކާމެދު ރައްޔިތުން ހޭލުންތެރިކޮށް އެތަކެތި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން "ލާމާފަރު ފެސްޓިވަލް" ގެ ނަމުގައި ލ.މާމެންދޫގައި ފެސްޓިވަލްއެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ފެސްޓިވަލަށް އެއަތޮޅުގެ 11 ރަށުން 12 ސްކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޢާންމުން ބައިވެރިވެފައިވެއެވެ. އަދި ސިކްސް ސެންސަސް ލާމުގެ ފަތުރުވެރިންވެސް މި ފެސްޓިވަލަށް ޒިޔާރަތްކޮށްފައިވެއެވެ.

ފެސްޓިވަލް އިންތިޒާމްކުރި ފަރާތްތަކުން ލަފާކުރާގޮތުގައި މިފެސްޓަވަލަށް 2000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ ފެސްޓިވަލްގެ ޝިއާރަކީ "އަހަރެމެންގެ ކަނޑުތައް – ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފަ"އެވެ.

މި ފެސްޓިވަލް ޝަރަފުވެރިކޮށްދެއްވީ އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ކާމިޔާބުކޮށްދިން އައިޝަތު ރަފާ ނާޒިމްއެވެ. މިފެސްޓިވަލްގައި ސްކޫލްކުދިން ވަނީ މުޅި ދުނިޔޭގައި މިހާރުކުރިޔަށްދާ ކްލައިމެޓް ސްޓްރައިކްގައި ބައިވެރިވުމުގެ ގޮތުން މޫސުމާމެދު އެމީހުންގެ ހިޔާލުފާޅުކޮށް ހިނގާލުމެއް ބާއްވާފައެވެ.

މީގެއިތުރުން ލާމު އަތޮޅުގެ ތާރީޚާއި ސަޤާފަތާއި ތިމާވެށި ޚާއްސަވާ ސަބަބުތައް ދައްކާލުމުގެ ގޮތުން ލާމު ވާހަކައިގެ ނަމުގައި ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އަދި ސްކޫލްތަކުގެ ތިން ޢުމުރުފުރައަކަށް ބަހާލައިގެން ދެޖިންސުގެ ދަރިވަރުން ބައިވެރިވި ފެތުމުގެ މުބާރާތަކާއި ވިޒިޓް ލާމުން އިންތިޒާމުކުރި ލާމު އަތޮޅުގެ އެންމެ މޮޅު ފޮޓޯގްރަފަރ ހޮވުމުގެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.

މި ފެސްޓިވަލަކީ ވޭތިވެދިޔަ ތިން އަހަރު، ލާމު ޓާރޓްލް ފެސްޓިވަލްގެ ނަމުގައި ކުރިޔަށް ގެންގޮސް މިއަހަރު ލާމާފަރު ފެސްޓިވަލަށް ނަން ބަދަލުކޮށްގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

ފެސްޓިވަލް އިންތިޒާމުކޮށްފައިވަނީ ސިކްސް ސެންސަސް ލާމު އަދި ލާމު އަތޮޅު ކަންއުންސިލާއި ޕޮލިސް، އެމްއެންޑީއެފް، ބްލޫމެރިން ފައުންޑޭޝަން، މަންޓާ ޓްރަސްޓް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ހޮރައިޒަން ފިޝަރީޒް އަދި ލާމުއަތޮޅުގެ އެހެނިހެން އިދާރާތައް ގުޅިގެންގެންނެވެ.

ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ލާމު އަތޮޅު ކައުންސިލަރުންނާއި ފުލުހުންނާއި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.