ކުޅިވަރު

ފުޓްބޯޅައަށް ފައިދާ ކުރާނަމަ 1 އަހަރުގެ ބްރޭކެއްވެސް ނަގަންވީ: ނަޒީހު


ދިވެހި ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ހާލަތު ރަނގަޅުކުރަން އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގިޔަސް މައްސަލައެއް ނެތްކަމަށް ޔުނައިޑެޓް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަމުން ނަޒީހު ބުނީ، މިހާރު މި ނަގާ ބްރޭކްތަކުން ފުޓްބޯޅައަށް ފައިދާ ކުރާނަމަ އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގިޔަސް މައްސަލައެއް ނެތްކަމަށެވެ. ނަޒީހު ބުނީ ލީގުގެ ކުޅުން މެދު ކަނޑާލުމަށްފަހު މިނަގާ ބްރޭކްތަކުން ޤައުމީ ފުޓްބޯޅަ ޓީމަށް ކުރަނީ ފައިދާތޯ ގެއްލުންތޯ ބުންނަ އިނގޭނީ މެޗުތަކުން ނުކުންނަ ނަތީޖާއާއި ކުޅުންތެރިންނަށް އަންނަ ކުރިއެރުމަށް ބަލާފައިކަަމަށެވެ.

ނަޒީހު ބުނީ ވަރލްޑް ކަޕް ކޮލިފައިންގައި ގުއާމް އަތުން ރާއްޖެ ތިން ޕޮއިންޓް ހޯދުމުން ހައިރާން ނުވާކަމަށާއި، އެއީ ހޯދެންޖެހޭ ވަރުގެ ތިން ޕޮއިންޓްކަމަށެވެ. ދެން ރާއްޖޭގެ ޓީމު އިތުރަށް ކުރަން ޖެހޭކަމަކީ، ސީރިއާއާއި ޕިލިޕީންސް މެޗުތަކުން ޕޮއިންޓެއް ވަރު ހޯދުންކަމަށް ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ކިތަންމެ ބޮޑު ބްރޭކެއް ނަގައިގެންވިޔަސް ޓީމާއި ގުޅުން ނެތް ބަޔަކު ޓީމަށް ނަގައިގެން އެންމެ އެކަށީގެންވާ ފައިދާއެއް ނުކުރާނެކަމަށެވެ.

"މި ބްރޭކްތަކުން ފުޓްބޯޅައަށް ފައިދާ ކުރަންޏާ މައްސަލައެއް ނެތް 1 އަހަރުގެ ބްރޭކެއް ނެގިޔަސް. އަސްލު މި ވަގުތު ހަޤީޤަތުގައި ބޭނުންނުވޭ މިކަމަށް ކޮމެންޓެއް ކުރާކަށްވެސް. މި ބްރޭކްތަކުން ޤައުމީ ޓީމަށް ކުރަނީ ފައިދާތޯ ގެއްލުންތޯ ބުނަން އިނގޭނީ ރިޒަލްޓް އާއި ކުޅުންތެރިންގެ ކުރިއެރުމަށް ބަލާފައި". ނަޒީހު ބުންޏެވެ

ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު މާޒިޔާއާއި ދެކޮޅަށް ކުޅޭ މެޗަށް އަލިއަޅުވާލައި ވާހަކަ ދައްކަމުން ނަޒީހު ބުނީ، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޔޫވީ ކޮޅަށް 8 ލަނޑު ވަތްނަމަވެސް އެކަމާއި ހާސް ނުވާކަމަށާއި، އެ މެޗުގެ ނަތީޖާގެ ސަބަބުން މި މެޗަށް އަސަރު ނުކުރާނެކަމަށެވެ. ނަޒީހު ބުނީ ގްރީން ސްޓްރީޓްސްއިން އެ މެޗުގައި ޖެހި 8 ލަނޑުގެ ތެރެއިން 2 ލަނޑަކީ އޮފްސައިޑް ދެ ލަނޑު ކަމަށާއި، އޭނާ 2 ފަހަރަށް މެޗުވެސް ފަހުން ބެލިކަމަށެވެ.

"މެޗެއްގެ ރިޒަލްޓަކުން އެހެން މެޗަކަށް އަސަރެއް ނުކުރާނެ. އެހެންވީމަ މިދިޔަ މެޗުގައި 8 ލަނޑު ވަނުމަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަމާއި ހާސް ވެގެން ނޫޅެން. ދެން އެބަ ޖެހޭ ބަލާލަން ގްރީން މެޗުގައި 8 ލަނޑު ވަތް ގޮތް. 8 ގޯލުން 2 ގޯލަކީ ސީދާ އޮފްސައިޑް. އަޅުގަނޑު ދެ ފަހަރު މެޗުވެސް ބަލައިފިން". ޔޫވީގެ ކޯޗު ނަޒީހު ބުޏްނެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ޔުނައިޓެޑް ވިކްްޓްރީ 8 މެޗު ކުޅެގެން ލިބުނު 7 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލްގެ 7 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު ދެވަނައިގައި 15 ޕޮއިންޓާއެކު އޮތީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. އަދި ތިންވަނައިގައި އޮތީ 14 ޕޮއިންޓާއެކު ކްލަބް އީގަލްސްއެވެ.