މުނިފޫހިފިލުވުން

"ބިގް ބޮސް" 13 ގެ އެންމެ އަގުބޮޑު ކޮންޓެސްޓަކީ ރަޝްމީ

ކަލާޒް އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ "ބިގް ބޮސް"ގެ 13 ވަނަ ސީޒަން އަންނަ އާދީއްތަ ފަށާނެއެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސަލްމާން ޚާން ހޯސްޓް ކުރާ މި ޝޯވ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބެލުންތެރިންނާއި މީޑިއާގެ ވެސް ބޮޑު ސަމާލުކަމަށް ހުއްޓިގެންދާ ޝޯ އެކެވެ.

"ބިގް ބޮސް"ގައި ބައިވެރިވާ ކޮންޓެސްޓުންނަށް ބޮޑު ހޭދައެއްވެސް ކުރާ މި ޝޯވގެ މިފަހަރުގެ ސީޒަންގައި އެންމެ ބޮޑު ހޭދައެއް ކުރަނީ މަޝްހޫރު ޓީވީ އެކްޓަރެސް ރަޝްމީ ދެސާއި އަށެވެ. އެގޮތުން ޝޯ ކޮންޓެސްޓެއްގެ ގޮތުގައި ރަޝްމީއަށް (1.2) އެކެއް ޕޮއިންޓް ދެއެއް ކްރޯޑް ރުޕީސް ދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރަޝްމީއަކީ ކަލާޒް އިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ "އުތުރަން"، "ދިލް ސޭ ދިލް ތަކް" އިން ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ޝޯ ގައި ރަޝްމީ އާއި އެކު އޭނާގެ ލޯބިވެރިޔާ އަރްހާން ޚާންވެސް ބައިވެރި ވާނެއެވެ.

"ބިގް ބޮސް" 13 ގެ ސެޓްގެ ފޮޓޯތައް ވެސް މިހާރުވަނީ ދައްކާލާފައެވެ. މި ފަހަރުގެ ސެޓް ޑިޒައިން ކޮށްފައިވާ މިއުޒިއަމް ތީމްއަކަށެވެ. މި ސެޓް ޑިޒައިން ކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު އާރޓް ޑައިރެކްޓަރ އަދި ޑިޒައިން އެކްސްޕަރޓް އޮމަންގް ކުމާރުއެވެ.

މިފަހަރުގެ ސީޒަންގެ ކޮންސެޕްޓަށްވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ފާއިތުވި ތިން ސީޒަން ގައި ވަނީ ސެލެބްރީޓީންނާއި އެކު އާންމު މީހުން ވެސް ބައިވެރި ކޮށްފައެވެ. ނަމަވެސް މި ސީޒަންގައި އެއްވެސް އާންމު ފަރާތެއް ނުހިމަނައި ހުސް ސެލެބްރިޓީނާއި އެކު ގެނެސްދޭ ގޮތަށް ޝޯގެ ކޮންސެޕްޓް ވަނީ ބަދަލުކޮށްފައެވެ.

މި ފަހަރުގެ ޝޯގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ 4 ހަފްތާތެރޭ ފިނާލޭ އަށް ދެވޭގޮތަށް އޮތުމެވެ.

ރަޝްމީގެ އިތުރުން މި ސީޒަންގައި ބައިވެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ސްޓަރ ޕްލަސް އިން ގެނެސްދިން "ސާތު ނިބާނާ ސާތިޔާ"ގެ ގޯޕީ ބަހޫގެ ރޯލުން ބެލުންތެރިންގެ ބޮޑުމަޤްބޫލުކަމެއް ހޯދި ޑެވޮލީނާ ބަޓަރަޖީ، ސިދާތު ޝުކްލާ، ކޮއެނާ މިތްރާ، ޝިވިން ނަރަންގް އަދި ދިލްޖީތު ކޯރު ހިމެނެއެވެ.