ކުޅިވަރު

އދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން އޮމަދޫ ހޯދިއިރު، ލ.އަތޮޅުގެ ޗެމްޕިއަންކަން ލ.ގަން ހޯދައިފި


މިހާރު ކުރިޔަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން އޮމަދޫ ހޯދިއިރު، ލ.އަތޮޅުގެ ޗެމްޕިއަންކަން ލ.ގަން ހޯދައިފިއެވެ.

މުބާރާތުގެ އދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން އޮމަދޫ ހޯދީ މުބާރާތުގެ ރޭ ކުނބުރުދޫއާއި ބައްދަލުކުރި މެޗު 2-5 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އޮމަދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ފަޔާޒް މޫސާ އަރީފް އަދި އަލީ އަޒްމީގެ އިތުރުން ޢަބްދުﷲ އަޖްރަމްއެވެ. ކުނބުރުދޫ ޓީމުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ހުސައިން ޝަޒީމް އަދި އަޙުމަދު ޝިފާޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޮމަދޫ ޓީމުގެ މޫސާ އަރީފްއެވެ.

މުބާރާތުގެ ލ.އަތޮޅުގެ ޗެމްޕިއަންކަން ލ.ގަން ހޯދީ އަތޮޅު ބުރުގެ ފަހު މެޗުގައި ރޭ އިސްދޫގެ މައްޗަށް 0-4 އިން ކުރި ހޯދައިގެންނެވެ. ހަތަރު ޓީމް ވާދަކުރި ލ.އަތޮޅު ބުރުގައި ގަން ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އިސްދޫއާއި ވާދަކުރި މެޗުގައި ގަމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ހުސައިން ޝަރީފް (އޮންލީ)، އަލީ ޝާމިސް އަދި މުހައްމަދު މުސްލިހްއެވެ. ލ.އަތޮޅު ބުރުގެ ކުޅުން ނިމުނުއިރު އަތޮޅު ބުރުގައި އެންމެ ގިނަ ލަނޑު ޖަހާ ޓޮޕް ސްކޯރަރގެ މަގާމް ލ.މާމެންދޫގެ މުހައްމަދު ނައުފަލް ހޯދިއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ލ.ގަމުގެ ހުސައިން ޝަރީފް (އޮންލީ)އެވެ.

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ސ.ފޭދޫ އާއި މަރަދޫ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 3-4 އިން މެޗު ކާމިޔާބުކުރީ މަރަދޫއެވެ. ރ.އަތޮޅު ބުރުގެ ފަހު މެޗުގައި ރޭ މާކުރަތާއި އަލިފުށި ބައްދަލުކުރި މެޗު 1-9 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރީ އަލިފުށިއެވެ. މުބާރާތުގެ ބ.އަތޮޅު ބުރުގައި ހިތާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު މެޗު ނިމިގެންދިޔައީ 2-2 އިން ދެޓީމުވެސް އެއްވަރުވެގެންނެވެ. މި މެޗުން ހިތާދޫ މޮޅުވިނަމަ އެޓީމަށް ބ.އަތޮޅުގެ ޗެމްޕިއަންކަން ލިބޭނެއެވެ. ނަމަވެސް މި މެޗު އެއްވަރުވުމުން ބ.އަތޮޅު ބުރުގެ ޗެމްޕިއަން ޓީމެއް ކަނޑައެޅިގެންދާނީ އޭދަފުއްޓާއި ތުޅާދޫ ބައްދަލުކުރާ މެޗަށް ފަހުއެވެ.

މުބާރާތުގައި ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ލ.މާމެންދޫއާއި ދަނބިދޫއެވެ. މި މެޗު 5-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާމެންދޫއެވެ. އަންނަ މަހުގެ 18 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި މިރޭވެސް 5 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.