ކުޅިވަރު

އިންޓަނޭޝަނަލް ބީޗްވޮލީ ގިނަ މުބާރާތްތަށް ބާއްވަންޖެހޭ: އެޑަމް


ވޯލްޑް ރޭންކިންގެ ކުޅުންތެރިންނާއެކު، އެކުޅުންތެރިންގެ ފަރާތުން ކަންކަން ދަސްކުރުމަކީ ރާއްޖޭގެ ބީޗް ވޮލީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް މެޑަލް ހޯދައިދިން އާދަމް ނަސީމް އާއި އަހުމަދު މުހައްމަދު ބުނެފިއެވެ.

މިއަދު ފުރަވެރި މޯލްޑިވްސްގައި ފެށި ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީ މުބާރާތުގައި ރާއްޖޭގެ އާދަމް އާއި އަހުމަދު މުހައްމަދުގެ ޕެއަރއިންވަނީ އޮސްޓޭލިއާގެ ނޭތަން އާއި ކާޒްލޯއާއި ވާދަކޮށް ދެ ސްޓް އެއް ސެޓުން މެޗް ކާމިޔާބުކޯށްފައެވެ. ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްއަށްފަހު އާދަމް ބުނީ މިއީ ރާއްޖޭގައި ބާއްވަން ވަރަށް ރަގަނޅު މުބާރާތެއްކަމަށާއި ހާއްސަކޮށް ރާއްޖޭގައި ބީޗް ވޮލީ މުބާރާތްތަށް ބޭއްވުމަށް ވަރަށް ރަގަނޅު ބީޗްތަށް އޮންނައިރު، މިފަދަ މުބާރާތްތަށް ކުޅުމަށް ބޭރުގެ ފަރާތްތަކުންވެސް އަންނަން ބޭނުންވާކަމަށް އާދަމް ބުނެފިއެވެ.

ހާއްސަކޮށް ރާއްޖޭގެ ރިސޯޓްތަކުގައި އޮންނަ ރީތި ބީޗްތަކުގައި ކުޅެލުމަށާއި ރާއްޖޭގެ ގުދުރަކީ ރީތިކަން ބަލާލުމަށް ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާކަމަށް އައިއޯއައިޖީގައި ސިލްވާ މެޑަލް ހޯދި އާދަމް ބުންޏެވެ. އާދަމް ބުނީ އޮލިމްޕިކްސް އަދި ވޯލްޑް ރޭންކިންގެ އެންމެ މަތީ ދިހަވަނާގައި އުޅޭ ކުޅުންތެރިންނާއިއެކު ކުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފްއެއްކަމަށާއި މިއީ ގިނަ ކަންތަށްތަކެއް ދަސްވާނެ މުބާރާތެއްކަމަށް އާދަމް ނަސީމް ބުންޏެވެ.

"މިމުބާރާތުގައި ވަރުގަދަ ޓީމްތަކާއި އެކުގައި ކުޅެލަން ލިބޭތީ އަސްލުގައި ވަރަށް ރަގަނޅު. އެމެރިކާގެ އެންމެ ޓޮޕް ޓީމްތަށްވެސް މިމުބާރާތުގައި އެބަ ވާދަކުރޭ. މިއީ ވަރަށް ރަގަނޅު ފުރުސަތެއް އަސްލުގައި. އެންމެ ބޮޑަށް ދަސްވާނީ ތަޖްރިބާކާރު ކުޅުންތެރިންގެ ފަރާތުން އެކުޅުންތެރިން ކުޅޭ ގޮތް. މެޗްތަކުގައި ކަންތަށްތަށް ކުރާ ގޮސް. ގިނަ ކަންތަށްތަކެއް ދަސްވާނެކަމަށް މިބަލީ. މި ޓޮޕްގައި ކުޅޭ ކުޅުންތެރިން މެޗްއަށް ތައްޔާރު ވާގޮތްވެސް ވަރަށް ތަފާތުވާނެ. މިފަހަރުއަކީ އެކަންތަށްތަށް ކައިރިން ބަލާލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް." އާދަމް ނަސީމް ބުންޏެވެ.

އައިއޯއައިޖީގައި ބްރޯޒް މެޑަލް ހޯދި އަޙުމަދު މުހައްމަދު ބުނީ އަމިއްލަ ގައުމްގައި މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަކީ ބީޗް ވޮލީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ހާއްސަކޮށް އަމިއްލަ ފަސް ގަނޑުގައި، ދޮންވެލީގައި ތަޖްރިބާކާރު ކުޅުންތެރިންނާއިއެކު ކުޅެލަން ލިބުމަކީ ވަރަށް ގިނަ ކަންތަށްތަކެއް ދަސްވެގެންދާނެކަމެއްކަމަށް އަހުމަދު މުހައްމަދު ބުންޏެވެ.

"މިފަދަ މުބާރާތްތަށް ވީހާސް ގިނަ ގިނައިން ބާއްވަންވީ. މިއީ ރާއްޖޭގެ ބީޗް ވޮލީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އެންމެ ބޮޑު ހިންހަމަޖެހުމަކީ އަމިއްލަ ފަސްގަނޑުގައި މޮޅެތި ކުޅުންތެރިންނާއިއެކު ކުޅެލަން ލިބޭކަން. އަސްލުގައި ރާއްޖޭގައި މިފަދަ މުބާރާތްތަށް ގިނަގިނައިން ބާއްވަންވީ. މިކަމުގެ ސަބަބުން ރާއްޖޭގެ ބީޗް ވޮލީ ވަރަށް ބޮޑަށް ކުރިއަރާނެ. އަހަރު އެއްފަހަރު ނުވަތަ އަހަރުގެ ދެކޮޅު މިފަދަ މުބާރާތް ބައްވާނަމަ، ބީޗް ވޮލީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރާނެ." އަހުމަދު މުހައްމަދު ބުންޏެވެ.