ޚަބަރު

ފްލެޓަށް އެދުނު ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަނީ


ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް، ރަމްޟާން މަސް ނިމުމުން ޒިޔާރަތްކުރަން ނިންމައިފިއެވެ.ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އިމަރާތްކުރާ 1100 ފްލެޓަށް އެދި 17 ހާސް މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ގެތަކަށް ޒިޔާރަތް ކޮށްގެން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ވީހާވެސް ޔަގީންކަން ބޮޑު ގޮތެއްގައި، އެންމެ ބޮޑަށް ހައުސިން ބޭނުންވާ މީހުންނަށް ފްލެޓް ދިނުން ކަމަށެވެ.ގޭގެއަށް ކުރާ ޒިޔާރަތުގައި ދޮގު މައުލޫމާތު ދީފައިވާނަމަ ޕޮއިންޓް އުނިކޮށް އަދި ފޯމް ކެންސަލް ކުރަންވެސް ޖެހިދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.މިނިސްޓަރ ވިދާޅުވީ، ފޯމް ލާފައިވާ އެންމެންނަކީ ސޯޝަލް ކެޓެގަރީ އަށް ފެތޭ މީހުން ނޫން ކަމަށާއި، އޭގެތެރޭގައި މެދުފަންތީގެ ހައުސިންގެ ކެޓެގަރީއަށް ފެތޭ މީހުންވެސް އެބަތިބި ކަމަށެވެ.މެދުފަންތީގެ ހައުސިން ބޭނުންވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތެރެއިން އެ ފުރުސަތު ފަހި ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މި ފަހަރު ދޫކުރާ އެގާރަ ސަތޭކަ ފްލެޓް ދިނުމުގައި، މާލޭގެ ރަށްވެހިންނާއި، ދަފްތަރުގައި ތިބި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އިސްކަންދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްލެޓް ދޭނެ ފަރާތްތައް ހޮވުމަށް ގުރުއަތަކަށް ދިޔުމުގެ ބަދަލުގައި ގޭގެއަށް ޒިޔާރަތްކޮށްގެން ޝޯޓްލިސްޓް ކުރާނެ ކަމަށާއި، ޕޮއިންޓް އެއްވަރު ވެއްޖެ ނަމަ ގުރުއަތަކަށްވެސް ދާންޖެހިދާނެ ކަމަށެވެ.ހުޅުމާލޭގައި އަޅާ ފްލެޓް ތަކުގެ މަސައްކަތްނިމި އަންނަ އަހަރު އެ ފްލެޓް ތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.