ޚަބަރު

އަނެއްކާވެސް ހުކުރު ޚުތުބާ އިޝާރާތް ބަހުންވެސް ގެނެސްދިނުމަށް ނިންމައިފި


މިއަދުން ފެށިގެން އިޝާރާތް ބަހުންވެސް ހުކުރު ޚުތުބާ ގެނެސްދިނުމަށް އިސްލާމިކް މިނިސްޓްރީން އަނެއްކާވެސް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އަޑުއިވުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް ހުކުރު ޚުތުބާ ކިޔާވަގުތު ޚުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތް ހެދުމުގެގޮތުން ސައިން ލޭންގްއޭޖު ނުވަތަ އިޝާރާތުގެ ބަސް ބޭނުންކޮށްގެން ޚުތުބާ ކިޔައިދިނުން މިއަދުން ފެށިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން މިކަމަށް އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާ ޚާއްސަކޮށްފައިވާކަމަށާއި އެ ފަންގިފިލާގައި އެފަދަ ފަރާތްތަކަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ޚުތުބާ ކިޔަމުންދާ ވަގުތު ޕީއެސްއެންގެ ޓީވީއެމްއިންވެސް ސައިންލޭންގްއޭޖުން ޚުތުބާ ކިޔައިދޭ މަންޒަރު ފެންނާނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން މިދިޔަ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓްރީންވަނީ މިފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން އިޝާރާތް ބަހުން ޚުތުބާ ގެނެސްދޭން ފަށާފައެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރިއަށްދާގޮތް އޮތީ ނުވެފައެވެ.