ވިޔަފާރި

ޓީއެމްއޭގެ ފްލީޓަށް 4 ސީޕްލޭން އިތުރުކުރަނީ


ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރ، ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއަރވޭސްއިން އިތުރު 4 ސީޕްލޭނެއް ގެނައުމަށް ނިންމައިފިއެވެ.

ޓީއެމްއޭގެ ސީޕްލޭން ފްލީޓަށް އިތުރު 4 ޕްލޭން ގެނައުމަށް އެކުންފުނިން ނިންމާފައިވާއިރު މީގެ ތެރެއިން ފުރަތަމަ ސީޕްލޭން އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ. ޕޯރޗުގަލްގެ ސެންތަރ މަރީޔާއިން ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މި ސީޕްލޭން ޖައްސާފައިވަނީ އިއްޔެ އިރުއޮއްސި 18 ގަޑި 10 އެއްގައެވެ.

ޓީއެމްއޭއިން ބުނީ 4 ސީޕްލޭންގެ ތެރެއިން އެއް ޕްލޭންއެއް ގެނެސްފައިވީނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި ބާކީ ހުރި 3 ޕްލޭނެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

30 އަހަރުގެ ދިގު ތާރިޚެއް އޮތް މި ކުންފުންޏަކީ ދުނިޔޭގެ ނިސްބަތުން ވެސް ސީޕްލޭން ހިންގާ އެންމެ ބޮޑު އޮޕަރޭޓަރެވެ. ޓީއެމްއޭ އިން ބުނީ އެކުންފުނީގެ ފްލީޓަށް 4 ސީޕްލޭން ގެނައުމަކީ އެކުންފުނީގެ މަސައްކަތްތައް ފުޅާކުރުމަށް ފާއިތުވި އަހަރުތަކުގައި ކުރި އެންމެ މުހިއްމު އެއް މަސައްކަތްކަމަށެވެ. ފާއިތުވި އަހަރުތަކުގައި ޓީއެމްއޭއިން ވަނީ ސީޕްލޭންގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި އިތުރުވަމުން އަންނަ ރިސޯޓުތަކާއިއެކު، ސީޕްލޭންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާތީ މި ޑީމާންޑާއި އެއްވަރަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޓީއެމްއޭއިން ބުނެއެވެ.