އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދައެއް ނެތި ފަސް ރަށެއްގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރުމުން 600.00ރ (ހަ ލައްކަ ރުފިޔާ ) އިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަން ހަދާ އެސެސްމަންޓު (އީއައިއޭ) ނުހަދާ ހއ. ތަކަންދު އާއި ހދ. ފިނޭ އާއި ނ. ހެނބަދު އާއި ނ. މާޅެންދޫ އަދި ބ. ކެންދޫގައި އިންޖީނު ބެހެއްޓުމުގެ މަސައްކަތް 2017 އާއި، 2018 ވަނަ އަހަރު ފެނަކައިން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް އީޕީއޭއިން ވަނީ ފެނަކަ އަށް އަންގާފައެވެ.
އީޕީއޭއިން ވިދާޅުވީ ފެނަކައިން 5 ރަށެއް ގައި ތިމާވެއްޓަށް ގެއްލުންވާގޮތަށް ބައެއް މަސައްކަތްތައް ކޮށްފައިވާކަން އެ އިދާރާއަށް އެނގުނީ މިއަހަރުގެ ކުރީކޮޅު ލިބުނު މައުލޫމާތުތަކާއި ގުޅިގެން އެ ކަން ބެލުމުން ކަމަށެވެ. އަދި މި މަސައްކަތްތައް ފެނަކައިން ކޮށްފައިވަނީ އީއައިއޭ ނުހަދާކަމަށް އެ ކުންފުނިން އެއްބަސްވެފައިވާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.
ރައްޔިތުން މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލިމެޓް ކޮމެޓީގައި މީގެކުރިން ވާހަކަދައްކަމުން އީޕީއޭއިން ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުގައި އެ އިދާރާއަށް ސިޔާސީ ނުފޫޒުވަދެ އީއައިއޭ ނަހަދާ ސަރުކާރުން ބޭނުންވާ ގޮތަށް ބައެއް މަޝްރޫއުތައް ހިންގާފައިވާކަމަށެވެ.
އީޕީއޭއަށް ލިބެންޖެހޭ އިޚްތިޔާރުތަކާއި ޤާނޫނީ ބާރުތައް ލިބިދީ މިނިވަން އިދާރާއަކަށް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ސަރުކާރުން ވަނީ ހަމަކުރައްވާފައެވެ.