ޚަބަރު

އަންހެނުން ބާރުވެރިކުރުވުމަށް އޮފީސްތަކާއި، ވުޒާރާތަކުގައި ޑޭކެއަރގެ ޚިދުމަތް ފަށަންޖެހޭ - ރޮޒައިނާ


އަންހެނުން ބާރުވެރިކުރުވުމަށް ރާއްޖޭގެ އޮފީސްތަކާއި، ވުޒާރާތަކުގައި ޑޭކެއަރގެ ޚިދުމަތް ދޭން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދިޔަ އެސްޑީޖީ އެކްޝަން ޒޯން ޕެނަލް ޑިސްކަޝަންއެއްގައި ރާއްޖެ ތަމްސީލުކުރައްވައި ވާހަކަފުޅުދައްކަވަމުން، މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ، އަންހެނުންގެ ހައްޤުތައް ޙިމާޔަތްކުރުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަގަރަށް ކެބިނެޓަށް 7 އަންހެން މިނިސްޓަރުން އައްޔަނުކޮށް، ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަނުކުރުމުގެ މުހިންމު ނިންމުމަކީ މިކަމުގެ ހެއްކެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަންހެނުން ކުރީ ސަފަށް ނެރުމުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން، ރޮޒައިނާ ވިދާޅުވީ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ރާއްޖެފަދަ ޤައުމެއްގައި ދަތުރުފަތުރަކީ ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުންކަމަށެވެ. އަދި ވަޒީފާގައި އުޅެމުން ދަރިން ބަލަހައްޓަން ހަވާލުކުރާނެ ޑޭކެއަރ ސެންޓަރުތަށް ރާއްޖޭގައި ނެތުމަކީވެސް އަންހެނުން ކުރީ ސަފަށް ނުކުމެ އުޅުމުގައި މިއަދު ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަންހެނުންނަކީ ކޮންމެ ކަމެއް ކުރެވިދާނެ ބައެއްކަމަށް އަދިވެެސް މުޖުތަމަޢުގެ ގިނަބަޔަކު ބަލައިނުގަންނަކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، މިސަބަބާހެދި ކަންކަމުގައި ކުރިއަށްދާން ބޭނުންވާ ފައިސާ ހޯދުމުގައި އަންހެނުންނަށް ދަތިތަށް ހުރިކަމަށެވެ. ސިޔާސީ ދާއިރާއަށް ނުކުންނަށް އަންހެނުން ފަސްޖެހެނީވެސް މި ސަބަބާހެދިކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ. މިކަން ހައްލުކުރުމަށް އަންހެންނުނަށް މަޖިލީހުގައި ވަކި ޢަދަދަކަށް ގޮނޑި ރިޒާވްކުރުން ނުވަތަ ކޯޓާއެއް ހަމަޖެއްދުމަށް ރޮޒައިނާ ގޮވާލެއްވިއެވެ.