ވިޔަފާރި

ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ބަޙްރެއިނުން ސޮއިކޮށްފި


ރާއްޖެއާއި ބަޙްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ދެޤައުމުން ސޮއިކޮށްފިއެވެ.

ކެނެޑާގެ މޮންޓްރިއޯލްގައި ކުރިއަށްދާ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އީކާއޯ)ގެ ސާޅީސްވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު މި ރަސަމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ވައިގެ ދަތުރުފަތުރާއި ބެހޭ ވަޒީރު، ޢާއިޝަތު ނަހުލާއެވެ.

އަދި ބަޙްރެއިން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބަޙްރެއިންގެ މިނިސްޓަރ އޮފް ޓްރާންސްޕޮޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން ކަމާލް ބިން އަޙްމަދު މުޙައްމަދެވެ. މިއެއްބަސްވުމަކީ ރާއްޖެއާއި ބަޙްރެއިންއާއި ދެމެދު ވައިގެ ދަތުރުފަތުރު ފެއްޓުމަށް މަގުފަހިކުރުމުގެ ގޮތުން 18 ޖެނުއަރީ 1995 ގައި ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން އެކުލަވާލައިފައިވާ ރަމްޒީ އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވާއިރު ބަޙްރެއިންގެ ޤައުމީ އެއަރލައިން ގަލްފް އެއަރގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ފެށުމަށް ގަލްފް އެއަރލައިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ކޮންމެ ހަފްތާއަކު 6 ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ބަޙްރެއިން އިން މާލެއަށް، މާލެއިން ކޮލަމްބޯއަށް، ކޮލަންބޯއިން މާލެއަށް އަދި މާލެއިން ބަޙްރެއިންގެ މަގުންނެވެ.
ރާއްޖެއާއި ބަޙްރެއިނާ ދެމެދު ކުރެވުނު މިއެއްބަސްވުމާއެކު މިހާތަނަށް ބޭރުގެ ސާޅީސް ހަތް ޤައުމަކާއިއެކު ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ޤާއިމްކޮށްފައިވެއެވެ. މިއެއްބަސްވުންތަކުގެ ދަށުން 21 ޤައުމެއްގެ 29 އެއަރލައިނެއް ރާއްޖެއަށް އަންނަނީ ދަތުރުކުރަމުންނެވެ.