ޚަބަރު

ރާއްޖެ ތަރައްޤީވީ ރިސޯޓްތަކުގެ މުވައްޒަފުންގެ ޤުރުބާނީގެ ސަބަބުން - ނާއިބު ރައީސް


އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެއަށް ގެނެސްދިނުމުގައި ޤުރުބާންވި ބަޔަކީ ރިސޯޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށާއި، ރާއްޖޭއިން މިފެންނަ ތަރައްޤީގެ ކުރިއެރުމަކީ އެމުވައްޒަފުންގެ ޤުރުބާނީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ވ.އަތޮޅުގައި ބޭއްވި ޖަޒީރާ ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ރާއްޖެއިން މިއަދު ފެންނަ ތަރައްޤީގެ ކުރިއެރުމަކީ ފަތުރުވެރިކަންކަމަށާއި، އެކަމުގައި އެންމެ ބޮޑޫ ޤުރުބާނީއެއް އަދާކޮށްފައިވަނީ އާއިލާއާއި ވަކިން މިސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންކަމަށެވެ. ނާއިބު ރައީށްގެ ވާހަކަފުޅުގައި މީގެ 27 އަހަރު ދުވަސްކުރިން އެންމެ ފުރަތަމަ އެމަނިކުފާނުވެސް މަސައްކަތްކުރެއްވީ ފަތުރުވެރިކަމުގެ ސިޏާއަތުގެ އެންމެ ާދައިގެ ވަޒީފާގައިަކަމށާއި، އެއިރުން ފެށިގެން މިދާއިރާއަށް މިހާތަނަށް އައިސްފައިވާ ކުރިއެރުން ވަރަށް ގާތުން ފެނިފައިވާކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަންނަނީ މައިގަނޑު ދެކަމެއްގެ ސަބަބުންކަމަށެވެ. އެއީ ރާއްޖޭގެ ތިމާވެށްޓާއި ރަށްޓެހި ރީތިކަމާއި ދިވެހިންގެ ހިތްހެޔޮކަމާއި ހިނިތުންވުންކަމަށެވެ.

"މިސަރުކާރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެ ވަޑައިގެންނެވި ވަޢުދަކީ އެއްވެސް ތަފާުކުރުމެއް ނެތި ބޮޑު ރަށަކާ ކުޑަރަށެއް ތަފާތުނުކުރުން. މިއަދު އަލުގަނޑުމެންނަށް މި ފެންނަނީ އެ މަންޒަރު. އަޅުގަނޑު މިރަށަށް އައިވަގުތު ހިތަށްއެރީ "ވާއު"އޭ. އެ "ވާއު" ބުނަންޖެހޭ ހުރިހާ ސިފަތއް މިރަށުންނާއި ރައްޔިތުންގެ މޫނުމަތިން ފެނުނު." ނާއިބު ރައީސް ވިދާޅުވިއެވެ.

މިދަނޑީވަޅަކީ ރާއްޖެއިން އދ.ގައި މުހިންމު މަސައްކަތްތަކެއް ކުރާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ތިމާވެށީގެ ދާއިރާއިން މުހިންމު މެސެޖުތަކެއް މުޅި ދުނިޔެއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާފައިވާކަަމަށް ވިދާޅުވެފައެވެ.