ޚަބަރު

މީގެ ކުރިން ދުވަހަކުވެސް ދޮންވެލި ކޯޓެއްގައި ނުކުޅެން - މެކްކިބިން ބްރަދާސް


ދޮންވެލި ކޯޓެއްގައި ދުވަހަކުވެސް ނުކުޅޭކަމަށާއި ރާއްޖޭގައި އެކަން ތަޖުރިބާކޮށްލަން ކެތްމަދުވެފައި ތިބިކަމަށް ދުނިޔޭގެ މަޝްހޫރު ބީޗު ވޮލީބޯޅަ ޕެއާރ، ދަ މެކްކިބިން ބްރަދާސް ބުނެފިއެވެ.


ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން މެޑިސަންއާއި ރައިލީ ބުނީ މިއީ މުޅިން އަލަށް ކުރާނެ ތަޖުރިބާއެއްކަމަށާއި ދޮންވެލީގައި ބީޗު ވޮލީބޯޅަ ކުޅުން އެއީ އަބަދުވެސް ކުރަން ބޭނުންވެފައިހުރި ތަޖުރިބާއެއް ކަމަށެވެ. އަދި ދުނިޔޭގެ ވަރުގަދަ ޕެއާތަކާއި ދެކޮޅަށް ރާއްޖޭގައި ކުޅެލަން ކެތްމަދުފައި ތިބިކަމަށް މެކްކިބިން ބްރަދާސްގެ ގޮތުގައި މަޝްހޫރުކަން ހޯދި ދެ ކުޅުންތެރިން ބުންޏެވެ. މެޑިސަން ބުނީ މިއީ ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށާއި ރާއްޖޭގެ ގޮނޑުދޮށްތައްފަދަ ދެވަނަ އިތުރު ގޮނޑުދޮށްތަކެއް އޭނާ ނުދެކޭ ކަމަށެވެ.

މެޑިސަންއާއި ރައިލޭއަކީ މި ވަގުތު އެމެރިކާގެ ފަސްވަނައަށް ރޭންކް ކުރެވިފައިވާ ޕެއާރއެއްކަން ފާހަގަކޮށްލެވެއެވެ.