ޚަބަރު

ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް ފެށީ ވ.އަތޮޅުން


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތައް ވ.އަތޮޅުން ފަށައިފިއެވެ.

ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރައްވަން ސަރުކާރުންވަނީ ފަށްޓަވާފައެވެ. މިހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

މިޙަރާކަތްތަށް ފެށުމުގެ ގޮތުން ވ.ކެޔޮދޫގައި މިއަދުވަނީ "ޖަޒީރާ ކެނޯ ރޭސް" މިނަމުގައި ކޮންމެ އަތޮޅަކުން ޓީމެއް ބައިވެރިވާގޮތަށް ހުޅުވާލައިގެން ކެނޯ ރޭހެއް ބާއްވާފައެވެ. 18 އަތޮޅަކުން ޓީމުތަށް ބައިވެރިވި މިކެނޯ ރޭހުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ އާއި ގދ. ގައްދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކެނޯ ރޭހުގައި ވ.ކެޔޮދޫން ފެށިގެން އެއަތޮޅު ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލިޖަހާފައި ދަތުރުކުރިއިރު، ފެލިދޫއިން އެއަތޮޅު ތިނަދުއަށް ކެނޯގައި ފަލިޖަހާފައި ދިޔައީ ފިރިހެން ޓީމުންނެވެ. ކެނޯރޭސް މިއަދު ކުރިއަށްގެންގޮސްފައިވާއިރު، މާދަމާ ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވާގުޅުވައިގެން މިރޭވެސް ކެޔޮދޫގައި ސަޤާފީ ޙަރަކާތްތަކާއެކު ޚާއްސަ "ކިކް އޮފް ޝޯވ" އެއްކުރިއަށްދާނެއެވެ. ރާއްޖޭގެ މަޝްހޫރު ފަންނާނުގެ ޙަރަކާތްތައް ފެނިގެންދާ މިޝޯވ އަކީ ޖަޒީރާވަންތަކޮށް ދިވެހި ސަޤާފަތް ދައްކުވައިދޭގޮތަށް ކުރިއަށްގެންދާ ޝޯއެއްކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިންދުވަހުގެ މުއްދަތައް ޒުވާނުންނަށް ޚާއްސަކޮށްގެން ޖޮބްފެއަރ ބާއްވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ތައްޔާރުވެފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައި ބާއްވާ މިޖޮބްފެއަރއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވަނީ ވިދާޅުވެފައެވެ.

މިހަރަކާތްތަކުގެ އިތުރުން އަންނަ މަހުގެ އެއްވަނަ ދުވަހު ފްރީ ޑައިވް ވޯލްޑް ރެކޯޑް ޤާއިމްކުރުމަށް ބާއްވާ ޚާއްސަ ޑައިވް ޙަރަކާތެއް ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި އޮންނާނެއެވެ. 500 ބައިވެރިންނާއިއެކު ބާއްވާ މިޙަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިންގ ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އެެހެން ޙަރަކާތްތަކަށް ބަލާއިރު ރ.އަންގޮޅިތީމު ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އެޅުމާއި ޓޫރިޒަމް އޯޕަން ޑޭއެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުން ކިޑްސް ފުޓްބޯލް ފިއެސްޓާއެއް ބާއްވާއިރު، މިފިއެސްޓާގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިންނަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޤައުމީ ސްކޮޑުން ޖާގަދީ ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވޭ ދަރިވަރަށް ދުބާއީގެ ސްޕެނިޝް ސޮކާސް ކޫލުގައި ތަމްރީނުތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެންމެ ފަހުގެ ޙަރަކާތަކީ ޓޫރިޒަމް ކޮންފަރެންސް އެންޑް ގާލާ ނައިޓްއެވެ. މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އޭގެތެރޭގައި ސަލާމަތާއި ރައްކާތެރިކަން، ތިމާވެށި، ވަޒީފާގެ ފުރުޞަތު އަދި ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން އިތުރު ފުރުޞަތުތައް ހުޅުވާލުން ހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.