ޚަބަރު

މޫސުމާ ގުޅޭ އަޑުއުފުލަން ނުކުމެ މަގުމައްޗަށް ހުސްފުޅި


މޫސުމާއި ބެހޭ ބައިނަލް އަޤްވާމީ ހަޅުތާލުގައި ބައިވެރިވާ ދިވެހި އެކްޓިވިސްޓުންގެ އަމަލުތައް ކުށްވެރިކޮށް ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށް ފުލުހުން ގޮވާލައިފިއެވެ.

މިހާރު ކުރިޔަށްދާ މޫސުމާއި ބެހޭ ބައިނަލް އަޤްވާމީ ހަޅުތާލުގައި ބައިވެރިވާ ދިވެހި އެކްޓިވިސްޓުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އިއްޔެވަނީ އެމްޑަބްލިއުއެސްސީ ދޮރުމައްޗަށް އެއްވެފައެވެ. އަދި އެތަނުގައި ތިބެ އެ މީހުންވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ދެކޮޅަށް ދެކޮޅަށް އަޑު އުފުލާ އެމްޑަބްލިއުއެސްސީގެ އޮފީސް އިމާރާތުގެ ކުރިމައްޗަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިތަކެއް އުކާލާފައެވެ. މި މީހުން އެކުލާފައިވަނީ އެމްޑަބްލިއުއެސްސީން އުފައްދާ ތާޒާ ބްރޭންޑްގެ ހުސްފުޅިތަކެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލުމަށް ސުލްހަވެރިކަމާއިއެކު ހިންގާ ހަރަކާތްކަށް އެ އިދާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ހެދިފައިވާ ޤާނުނުތަކާއި ހިލާފަށް ކަންކަން ކުރަން ފުރުސަތު ނުދެވޭނެކަމަށާއި ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ޤަވައިދުތަކަށް އަމަލުކުރުމަށްވެސް ފުލުހުން ވަނީ ގޮއްވާލާފައެވެ.

ފުލުހުން ކުރި ޓްވީޓްގައިވަނީ ކުނި މެނޭޖުކުރުމާއި ބެހޭ ޤަވައިދުގައި އެކަން ކުރަން ބަޔާންކޮށްފައިވާ މައްދާތައްވެސް ހިމަނާފައެވެ.

މި ކަމުގައި ބައިވެރިވި ފަރާތްތަކުން އަމަލުކުރި ގޮތާއި ހިތްހަމަނުޖެހި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަޑު އުފުލާފައެވެ.

2013 ވަނަ އަހަރު އަމަލުކުރަން ފެށީ ކުނި މެނޭޖުކުރުމާއި ބެހޭ ޤަވައިދުގައި ވާ ގޮތުން ރާއްޖޭގެ ރަށްރަށުގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ހާއްސަކޮށްފައިވާ ނުވަތަ ތަންފީޒީ އިދާރާއަކުން ހުއްދަދީފައިވާ ތަންތަނަށެވެ. އަދި އެ އުސޫލާއި ހިލާފުވާ ފަރާތައް ޖޫރިމަނާކުރުމުގެ ބާރު މި ޤަވައިދުގެ ދަށުން ލިބފައިވެއެވެ.

ކްލައިމެޓް ޗޭންޖްގެ ނަމުގައި މިހާރު ކުރިޔަށްދާ މޫސުމާއި ބެހޭ ބައިނަލް އަޤްވާމީ ހަޅުތާލުގައި ބައިވެރިވާ ދިވެހި އެކްޓިވިސްޓުން އަންނަނީ މާލޭގެ އެކި ސަރަހައްދަށް އެއްވެ ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ގިނަ މެސެޖްތަކެއް ދެމުންނެވެ.