ވިޔަފާރި

އޯރކާއިން އިންޑިއާގައި ޓީޓީއެމް ފެއަރއެއް ބާއްވަނީ


މިއަހަރުގެ ނޮވެމްބަރުމަހު އިންޑިއާގައި ޓީޓީއެމް ފެއަރއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އޯރކާ މީޑިއާ ގްރޫޕުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޯރކާ މީޑިއާ ގްރޫޕްގެ މެނޭޖަރ އަހްމަދު ނާސިރު ވިދާޅުވީ އޯރކާގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ފެއަރތަކާއި އެކްސްޕޯތައް ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ. އެގޮތުން އަންނަ ނޮވެމްބަރުމަހު އިންޑިއާގައި "ޓްރެވެލް ޓްރޭޑް މޯލްޑިވްސް"ގެ ނަމުގައި ފެއަރއެއް ބޭއްވުމަށް ނިންމާފައިވާކަމަށް ނާސިރު ވިދާޅުވިއެވެ.

"މިހާތަނަށް އަޅުގަނޑުމެންގެ ހުރިހާ އިވެންޓެއް ބާއްވާފައިވަނީ ރާއްޖޭގައި. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ބޭރުގައި އިވެންޓުތަކެއް ބޭއްވުން. އެގޮތުން މިހާރުވެސް އަޅުގަނޑުމެން ތައްޔާރުވަމުން އެބަދަން 'ޓީޓީއެމް އިންޑިއާ'ގެ ނަމުގައި އިވެންޓެއް. އިންޑިއާގައި މިއަހަރުގެ ނޮވެމްބަރުގައި އިރާދަކުރެއްވިއްޔާ ބޭއްވިގެންދާނެ. އެއީ ރާއްޖެ ޕްރޮމޯޓްކުރުމަށް އިންޑިއާގައި ބޭއްވިގެންދާ އިވެންޓެއް" ނާސިރު ވިދާޅުވިއެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ސަމިޓެވެ.

މި ފެއަރގެ އިތުރުން އޯރކާ މިޑިއާ ގްރޫޕުން ދަނީ އޭޝިއާ ޕެސިފިކް ޤައުމުތަކަށް ޚާއްސަކޮށްގެން ޚާއްސަ އިވެންޓެއް ބޭއްވުގެ މަސައްކަތްކުރަމުންނެވެ. އޯރކާ މީޑިއާއިން ބުނީ މިކަމާބެހޭ އިތުރު ތަފްސީލް ކުރިއަށްއޮތް ދުވަސްތަކުގައި އާންމުކުރާނެކަމަށެވެ.

"މިއަންނަ އަހަރު އަޅުގަނޑުމެން އެބަ ބާއްވަން ވަރަށް ބޮޑު އިވެންޓެއް. އޭޝިއާ ޕެސިފިކް ޤައުމުތަކަށް ހާއްސަކޮށްގެން ހުރިހާ ޤައުމެއް ހިމެނޭގޮތަށް ކުރިއަށްގެންދާ އިވެންޓެއް. މި އިވެންޓް އަޅުގަނޑުމެން ފަށާނީ ރާއްޖެއިން. އިރާދަކުރެއްވިއްޔާ އޭގެ ސީރީސްތަކެއް ކުރިއަށްދާނެ އެހެން އޭޝިއާ ޕެސިފިކް ޤައުމުތަކުގައި." ނާސިރު ވިދާޅުވިއެވެ.

އޯރކާ މީޑީއާ ގްރޫޕަކީ ރާއްޖޭގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ޕީއާރު ފާމެއްގެ ދައުރު އަދާކުރަމުންދާ ކުންފުންޏެކެވެ. 2010 ވަނަ އަހަރު މޯލްޑިވްސް ގެޓަވޭސްގެ ނަމުގައި އުފެދުނު މި ކުންފުނި ރީބްރޭންޑްކޮށް އޯރކާ މީޑިއާގެ ނަމަށް ބަދަލުކޮށްފައިވަނީ މިއަހަރުގެތެރޭގައެވެ.