ޚަބަރު

ދުނިޔޭގެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ގެ މަޤާމު ރާއްޖެއަށް


ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" އަކީ ދިވެހިރާއްޖެ ކަމުގައި އިޢުލާނުކޮށްފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ އދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ. މީގެއިތުރުން ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މި ފޯރަމްގައި މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަސްމަހާމެހި މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ޕާލޭ ފޮރ ދަ އޯޝަންސްއާ ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ޕާލޭ އޭ.އައި.އާރު. ސްޓްރެޓެޖީއަށް ތަޢުރީފުކުރައްވައި މި ސްޓެރެޓެޖީގައި ހިމެނޭ ޕްލާސްޓިކާ ދުރުހެލިވުމާއި ޕްލާސްޓިކު ނައްތާލުމާއި ޕްލާސްޓިކު ނޫން އައު ގޮތްތަކެއް ހޯދުމުގެ ވިސްނުމަށް ތަޢުރީފު ކުރެއްވިއެވެ. އެގޮތުން ޢާންމު ދިރިއުޅުމުގައި ބޭނުންކުރަންޖެހޭ ތަކެއްޗަކީ ތިމާވެއްޓާ ރަހުމަތްތެރިގޮތަށް ފަރުމާކުރެވޭ ތަކެއްޗަށް ހެދިއްޖެނަމަ، އެއީ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކު ކުނިބުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ޤައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް "ސިންގަލް ޔޫސް ޕްލާސްޓިކް" ނުވަތަ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވާފައެވެ. މިއީ، މިފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ޤައުމަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމުކަން ފާހަގަކުރައްވާ އެމަނިކުފާނުވަނީ، މިއީ، ރާއްޖޭގެ، "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްގެ ވަރަށް މުހިއްމު އަސާސެއްކަމަށެވެ. އަދި މި މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، (ސިޑްސް) ނުވަތަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޙާޞިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕްލާސްޓިކާ ދުރު ޖަޒީރާ ޤައުމަކަށް" ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިޤްތިޞާދުގެ ވިސްނުމާ އަދި ކަނޑުގެ ދިރުންތަކާ ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމުގައެވެ. ދުނިޔޭގެ އެންމެ ފުރަތަމަ "ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން" ގެ މަޤާމާއިމެދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޤާމަކީ ކަނޑުތަކުގެ ހިމާޔަތަށް މަސައްކަތް ކުރާ ނޫ އިޤްތިޞާދެއް ބިނާ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ޝަރަފެއްކަމަށެވެ.

މި ފޯރަމަކީ، އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާޞިލްކުރުމަށް ސަރުކާރުތަކާއި ވިޔަފާރި ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ، އެކަމަށް އެއްބާރުލުން ދިނުމަށް މަގިފަހިކުރުވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކުރިއަށްދިޔަ "ސްކޭލިންގ އެމްބިޝަންސް" ޕެނަލުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރަމުންދާ ކުންފުނިތަކުން ހޯދަމުންދާ ކުރިއެރުންތައް ޙިއްޞާކޮށްފައިވެއެވެ.

މި ޕެނަލުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޕާލޭ ފޮރ ދަ އޯޝަންސްގެ ބާނީ ސައިރިލް ގަޓްޗް، ގޫގްލްގެ ޗީފް ފައިނޭންޝަލް އޮފިސަރ، ރުތް ޕޮރެޓް އަދި އެގްރޮލިބާނޯ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕަމޭލާ މޮލީނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.