ސިޔާސީ

ޕާކިސްތާނަށް އައި ބިންހެލުމާއި ގުޅިގެން ރާއްޖެއިން ހަމްދަރުދީ ފޮނުވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކު ކަމަށް ވިދާޅުވިއެވެ. އަދި މިހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެ، މި ޙާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

ރެކްޓަރ މިންގަނޑުން 5.9 ބާރުމިނުގައި ޕާކިސްތާއަށް އައި ބިންހެލުމުގައި އެޤައުމުގެ އެކި ސަރަޙައްދުތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައެވެ. މިޙާދިސާގައި 22 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޕާކިސްތާކުގެ ސިއްޙަތާއިބެހޭ އިދާރާއިން ވަނީ ބުނެފައެވެ.