ސިޔާސީ

އދ.ގައި ރައީސް ކުރެއްވި ތަޤްރީރަށް އެތައްބައެއްގެ ތަޢުރީފް!


ހަތް އަހަރު ފަހުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު އދ.ގެ ޢާންމު މަޖިލީހުގައި ދެއްވި ތަޤްރީރަށް އެތައް ބައެެއްގެ ތަޢުރީފް ކުރައްވައިފިއެވެ.

އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަޤްރީރްގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާ ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެންނަވާފައެވެ. ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި 30 އަހަރު ރާއްޖެއިން ވަކާލާތުކޮށްފައިވަނީ އޭގެ ސަބަބުން ރާއްޖެފަދަ ކުދި ޤައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުންކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ޚާއްޞާ އިސްކަމެއް ދެއްވާފައިވާއިރު، ތިމާވެށްޓަށް ނޭދެވޭ އަސަރުކުރާ ބާވަތްތައް ބޭނުންކުރުން ހުއްޓާލުމަށް އަންނަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ. އެގޮތުން 2023ގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލުމުގެ މަސައްކަތް ރާއްޖެއިން މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ވަނީ އދ.ގައި ދެއްވި ތަޤްރީރްގައި ވިދާޅުވެފައެވެ.

ރައީސްގެ ތަޤްރީރަށް ރާއްޖެއާއި ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބި ތަޢުރީފް ކުރަމުން އަންނައިރު ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި، ތިމާވެށީގެ ދާއިރާއިން މަސައްކަތްކުރާ ބޭބޭފުޅުންނާއި، ކުރީގެ ސަރުކާރުގެ ބައެއް ވެރިންގެ އިތުރުން ދުނިޔޭގެ ލީޑަރުންވެސް ވަނީ ތަޢުރީފްކުރައްވާފައެވެ.

ރައީސްގެ ތަޤްރީރަށް މަރުހަބާ ދަންނަވާ ކުރީ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓަރުކަންކުރެއްވި ޠާރިޤް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ރައީސްއަކު އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރްކުރެއްވުމަކީ ޤައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި އެކަމާ އުފާކުރައްވާކަމަށާއި، ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ރައީސްގެ ތަޤްރީރްފައި އަލިއަޅުއްވާލައްވާފައިވާތީ ޠާރިޤު ވަނީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެ ރައީސްއަށް މަރުޙަބާ ދަންނަވާފައެވެ.

އދ.ގައި އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ އިސް ވެރިއެއްގެ ހައިސިއްޔަތުން ތަޤްރީރްކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްވެސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އދ.ގެ ޢާންމު މަޖިލީހުގައި ކުރެއްވި ތަޤްރީރަކީ ވަރަށް ފުރިހަމަ ތަޤްރީރެއްކަމަށް ވިދާޅުވެ މަރުޙަބާ ދަންނަވާފައެވެ.

މީގެ އިތުރުން އދ.ގެ މައި އިދާރާގައި ރައީސް ތަޤްރީރްކުރެއްވިއިރު، މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ރައީސްގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށްވެސް ގިނަ ބަޔަކު ވަނީ ތަޢުރީފްކުރައްވާފައެވެ. އޭގެ ތެރޭގައި މިސަރުކާރުގެ ބައެއް ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އދ.ގެ ޢާންމު މަޖިލީހުގައި ދުނިޔޭގެ އެންމެ އިސްވެރިން ތަޤްރީރްކުރެއްވިއިރު ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް ކުރެއްވި ތަޤްރީރަކީ ހަތް އަހަރުފަހުން ރާއްޖޭގެ އެންމެ ރައީސްއަކު އދ.ގެ މައި އިދާރާގައި ތަޤްރީރްކުރެއްވި ފުރަތަމަ ފަހަރެވެ. އދ.ގެ ޢާންމު މަޖިލީހުގައި ދުނިޔޭގެ ވެރިން ދެއްވާ ތަޤްރީރްރަކުގެ ތެރެއިން ރާއްޖޭގެ ރައިސް ތަޤްރީރްކުރައްވާފައި ވަނީ ހަވަނައަށެވެ.

އދ.ގައި ތަޤްރީރްކުރެއްވި ރާއްޖޭގެ ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ކުރީގެ މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު އަދި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ފާއިތުރި ދައުރުގައި ރާއްޖޭގެ ރައީސްއަކަށްހުންނެވި ރައީސް ޔާމީން އދ.ގައި ތަޤްރީރްކުރައްވާފައެއްނުވެއެވެ.