ވިޔަފާރި

ވިއްކުމަށް ހަމަޖެހިފައިވާ ހިއްސާއަށްވުރެ އިތުރަށް ހިއްސާ ގަތުމަށް ހުށަހަޅާފައިވޭ - އެމްއައިބީ


ވިއްކުމަށް ހަމަޖެހިފައިވާ 6.98 މިލިއަން ހިއްސާއަށްވުރެ އިތުރަށް ހިއްސާ ގަތުމަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއިން ބުނެފިއެވެ.

އެމްއައިބީން ބުނީ ފުރަތަމަ ފަހަރަށް ބޭންކުގެ ހިއްސާ ވިއްކުމަށް ހުޅުވާލި މި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން ހިއްސާގަތުމަށް ހުށަހަޅާފައިވާކަމަށާއި މިއީ ފަހުގެ ތާރީޚެއްގައިވެސް ބޭއްވުނު އެންމެ ކާމިޔާބު ހިއްސާކަމަށް ޤަބޫލުކުރާކަމަށެވެ. އެމްއައިބީން ބުނީ މިކަމާއި ގުޅިގެން އިންވެސްޓަރުންގެ މެދުގައި ހިއްސާ އެކަށައެޅޭނެ އުސޫލު އެބޭންކުން ނިންމައި މިކަމުގެ ތަފްސީލް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ އަށް އަންގާފައިވާކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީއިން ހިއްސާ ވިއްކުމަށް ފުރަތަމަ ހުޅުވާލީ ޖުލައި މަހުގެ 28 އިން ފެށިގެން ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ. އެހެންނަމަވެސް ބޭންކުން ވަނީ ގިނަ އާންމުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ސެޕްޓެމްބަރު މަހުގެ 22 ނިޔަލަށް ހިއްސާ ވިއްކާފައެވެ.

އެމްއައިބީން ވިއްކާފައިވަނީ ކުންފުނީގެ 31 އިންސައްތަ ހިއްސާއެވެ. އެއީ ގާތްގަނޑަކަށް 6.98 މިލިއަން ހިއްސާއެވެ. އެމްއައިބީގެ ހިއްސާއެއް 35 ރުފިޔާއަށް ވިއްކާފަވާއިރު އެބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ބޭންކަށް ލިބޭނެކަމަށް ލަފާކުރެވޭކަމަށެވެ.

2010 ވަނަ އަހަރު އުފެއްދި މޯލްޑިވިސް އިސްލާމިކް ބޭންކް، އަކީ އިސްލާމިކް ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ، އައިސީޑީގެ 10 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއި ސަރުކާރުގެ 1 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާއެކު އުފައްދާފައިވާ ބޭންކެކެވެ. އެމްއައިބީއަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.