ޚަބަރު

ބޭރުގެ އިންވެސްޓަރުންނަށް ކުރިން ނުލިބޭވަރުގެ ޔަޤީންކަމެއް


ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިމަގު ވަރަށް އުޖާލާ ކަމަށާއި، މީގެކުރިން ދުވަހަކުވެސް ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ނުލިބޭހާބޮޑު ޔަޤީންކަމެއް މިހާރު ރާއްޖެއިން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާރު އޮތީ އިންވެސްޓަރުންނަށް ހުޅުވާލާފައިކަމަށާއި، ސަރުކާރުން ހުރިހާ ދާއިރާތަކަކުންވެސް ރާއްޖެއަންނަ ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ. އަދި ޚާއްސަ އިޤްތިޞާދީ ސަރަހައްދުތަކާ ބެހޭ ޤާނޫނު މެދުވެރިކޮށް އިންވެސްޓަރުންނަށް އެޔަޤީންކަން މިހާރު ހޯއްދަވައިދެއްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ އިޤްތިޞާދީ ތަސައްވުރު ސާފުކޮށްދެއްވައި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަށް ކަމަށްވާ ހުޅުމާލޭ ޔޫތް ސިޓީގެ މަޝްރޫޢާއި، ހުޅުލެ-މާލެ ބްރިޖްގެ މަޝްރޫޢުގެ އިތުރުން އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫގެ މައްޗަށް އަލިއަޅުއްވާލެއްވާ ރާއްޖެއިން ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ޗައިނާއިން ފޯރުކޮށްދޭ އެހީ ފާހަގަ ކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުންކަމަށާއި، މިހާތަނަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން އެކަން ކަށަވަރުކޮށްފައިވާކަމަށެވެ.ރައްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށް ޖަހާނެކަމުގެ ވައުދާއެކު 2013 ވަނައަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުންވަނީ ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. އޭގެތެރޭގައި އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަޝްރޫޢާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ޔޫތް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމާއި، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު އަދި މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫޢު ހިމެނެއެވެ.ރައީސްވިދާޅުވީ މިމަޝްރޫޢު ތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށެވެ.ޖޫން 13ގެ ނިޔަލަށް ކުރިއަށްދާ 10 ވަނަ ޗައިނާ-ސައުތު އޭޝިއާ ބިޒްނަސް ފޯރަމަކީ ޗައިނާގެ އިންޓަރނޭޝަނަލް ޓްރޭޑް ކައުންސިލާއި، ސާކްގެ ޗެމްބަރ އޮފް ކޮމާސްއާއި، ޗައިނާގެ ޔުއާން ޕްރޮވިންސްގެ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމަކީ ޗައިނާއާއި ދެކުނު އޭޝިއާގެ ޤައުމުތަކާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.މިއަހަރުގެ ފޯރަމްގައި ޗައިނާއިން އިއުލާން ކޮށްފައިވާ ސިލްކް ރޫޓްގެ މަޝްރޫއާ ގުޅޭގޮތުން އިންވެސްޓަރުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.