މުނިފޫހިފިލުވުން

އިންޑިއާގެ ރިއަލިޓީ ޝޯއެއް ރާއްޖެ ގެންނަން މަސައްކަތް ކުރަނީ


އިންޑިއާގެ ރިއަލިޓީ ޝޯއެއް ރާއްޖެއަށް ގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޚްލޫފް މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ބޮލީވުޑްގެ ސުޕަރ-ސްޓާރ އަމީތާބު ބައްޗަންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓުވިޓަރގައި ހިއްސާކުރައްވަމުންނެވެ.

މިނިސްޓަރގެ ޓުވީޓުގައި އަމިތާބާއި ބައްދަލުވުމަކީ ލިބުނު އުފަލެއްކަމަށާއި، އޭނާއަކީ ވަރަށް ހިތްހެޔޮ ހިތްތިރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި އިންޑިއަން ސިނަމާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ "ދާދާ ސަހެބް ޕަލްކޭ" އެވޯޑަށް އަމީތާބު ހޮވިފައިވާތީ، އެކަމަށް މަރުޚަބާ ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރިއަލިޓީ ޝޯތައް ރާއްޖެގެނެއުމާއި ގުޅޭގޮތުން ކަމާބެހޭ ފަަރާތްތަކާއެކު މަޝްވަރާކުރައްވާނެކަމަށްވެސް މިނިސްޓަރ މަޚްލޫފްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ރިއަލިޓީ ޝޯތައް ރާއްޖެގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ޔޫތް މިނިސްޓަރ ވިދާޅުވެފައިވާއިރު، އިންޑިއާގެ ރިއަލިޓީ ޝޯވތަކަކީ ގިނަ ދިވެހީންގެ މެދުގައިވެސް މަޤުބޫލުކަމެއް ހޯދާފައިވާ ޝޯތަކެކެވެ.

އިންޑިއާއަކީވެސް މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިއްމު ދައުރެއް އަދާކުރާ މާކެޓަކަށްވެފައި، އިންޑިއާއިން ރާއްޖެއަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުންދިއުމާއެކު، އިންޑިއާގައި ރާއްޖެ އިތުރަށް އިޝްތިޙާރުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީން މެދުވެރިކޮށް ރާއްޖެ އިޝްތިޙާރުކުރުމަށާއި، ބޮލީވުޑްގެ އެވޯޑް ޙަފްލާތައްވެސް ރާއްޖެގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.