ކުޅިވަރު

ކުޅުންތެރިން ދެއްކި ކުޅުމަށް ތަޢުރީފް ހައްޤު - އިންމަ


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ އީގަލްސްއަތުން ޕޮއިންޓެއް ހޯދި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްޤު ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއިލް މަހުފޫޒު (އިންމަ) ބުނެފިއެވެ.

ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ އީގަލްސްއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުން ދަ ގްރާންޑޭއަށް ޕޮއިންޓެއް ޔަގީންކޮށްދިން ލަނޑު މެޗުގެ އަށްޑިހަ އަށްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޓޯސޫ ކްރިސްޓިއަން ޑޮޑްޒީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، އެޓީމުގެ ކުޅުންތެރިން މި މެޗުގައި ކުރި މަސައްކަތައް ތައުރީފް ހައްޤުކަމަށާއި، ޙާއްސަކޮށް މެޗުގެ ދެވަނަ ހާފުގައި ދަ ގްރާންޑޭއިން ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ. އިންމަ ބުނީ މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ކުޅުން ފެނުނީ ތަންކޮޅެއް ދައްކޮށްކަމަށާއި، ދެވަނަ ހާފުގައި އެކަން ރަނގަޅުކޮށް މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭކަމަށެވެ.

އިންމަ ބުނީ ޓީމު އޮތް ހާލަތަށް އަދިވެސް ބަދަލެއް ނާންނަ ކަމަށާއި، ނަމަވެސް މި ހާލަތުގައި ކުޅުންތެރިން މެޗުތަކުގައި ސަތޭކަ ޕަސެންޓް ދޭތީ ވަަރަށް ހިތްހަމަޖެހޭކަމަށެވެ.

"ފުރަތަމަ ހާފުގައި ތަންކޮޅެއް ދައްކޮށް ދިޔައީ، އެހެންނަމަވެސް ފަހު ހާފުގައި އަޅުގަނޑުމެން ނުކުތީ ހަމަ އެކަންތައް ރަނގަޅުކޮށްގެން. ހަގީގަތުގައި މި މެޗްއިން އަޅުގަނޑުމެން ޑްރޯވީމަ އޭގެ ހިތްހަމަޖެހުން އެބައޮތް. ދެން އަޅުގަނޑުމެން ޓީމުގެ ޕްލެޔަރުން މިއަދު ކުރި މަސައްކަތައް ތަޢުރީފް ހަމަ އެ ކުޅުންތެރިން ހަމަ ވަރަށް ބޮޑު ހިތްވަރެއް ލައިގެން އަނބުރާ މި އައީ ދެވަނަ ހާފުގައި.". ދަ ގްރާންޑޭގެ ކޯޗު އިންމަ ބުންޏެވެ

ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެއްވަރުވެގެން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ، މެޗާއި ދޭތެރޭ އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭކަމަށާއި، މި މެޗުން ޕޮއިންޓެއް ދަ ގްރާންޑޭއަށް ލިބުން ހައްޤުކަމަށެވެ.

މޯހަން ބުނީ އީގަލްސްއަށް މި މެޗު ކޮންްޓްރޯލް ނުކުރެވުނުކަމަށާއި، ޓީމުގެ ސީނިއަރ ކުޅުންތެރިންގެ ފަރާތުން ލީޑު ކުރުމުގެ އެއްވެސް ކަމެއް ފެނިގެން ނުދާކަމަށެވެ. މޯހަން ބުނީ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތައްވެސް ތަނަވަސްކުރި ކަމަށާާއި، އަދި ދެވަނަ ހާފުގައި މެޗުގެ ނަތީޖާ 1-3 އަކަށް ބަދަލުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުން ޓީމަށް ވަރަށް ބޮޑު ގެއްލުމެއް ލިބިއްޖެކަމަށެވެ.

"މިއަދު މީ ވަރަށް ހިތްހަމަ ނުޖެހޭ ދުވަހެއް ހަގީގަތުގައި. ޙާއްސަކޮށް ފަހު ހާފުގެ 25 ވަނަ މިނެޓަށްފަހު އެއްވެސް ކޮންޓްރޯލެއް ނެތް މުޅި މެޗުގައިވެސް. ހަގީގަތުގައި ހައްޤު އެމީހުނަށް ޕޮއިންޓެއް ލިބުން. ހަމަ އެހާ ވަރަށް އެމީހުން ކުޅުން." މޯހަން ބުންޏެވެ.

މި މެޗުން މޮޅުވެގެން ދެ ވަނަ އަށް އެރެން އޮތް އީގަލްސް މިހާރު އޮތީ 14 ޕޮއިންޓާ އެކު ތިން ވަނައިގައެވެ. އެ ޢަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ދަ ގްރާންޑޭ އޮތީ ހަތަރު ވަނައިގައެވެ. ތާވަލުގެ އެއް ވަނައިގައި 20 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ކްލަބް ގްރީންސްޓްރީޓްސްއެވެ.